ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރާއްޖެ އޮތީ ބިކަވެ ބާކީވެ އެކަނިވެރިވެފައި: ފޮރިން މިނިސްޓަރު

އިބްރާހިމް ޒަކީ

1

މިއަދުގެ ސަރުކާރާ ރާއްޖެ ހަވާލުވީއިރު ބައިނަލް އަގުވާމީ މައިދާނުގައި ރާއްޖެވަނީ ބިކަވެ ބާކީވެ އެކަހެރިވެފައިކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރާއްޖެއާއި ގަތަރާއެކު އޮތް ގުޅުން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ކަނޑާލި މައްސަލައިގައި އެ ގުޅުން ގާއިމްކުރަން މި ސަރުކާރުން ކުރާ މަސައްކަތްތަކާބެހޭގޮތުން، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު، ބައިނަލް އަގުވާމީ މައިދާނުަގއި ރާއްޖެއަށް އޮތް އިހުތިރާމު ގެއްލި ގަދަރު ކެނޑިފާއިވާކަމަށެވެ.

އެހެންކަމުން މި ސަރުކާރުން އެންމެބޮޑު އިސްކަމެއް ދިނީ ރާއްޖެ އަލުން ބައިނަލް އަގުވާމީ މައިދާނަށް ގެނެސް ރާއްޖެއަށް ހައްގު ޝަރަފާއި އިހުތިރާމް ހޯދަން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެ ސިޔާސަތުގެ ދަށުން ވަކި ގައުމެއް އިސްތިސްނާ ނުކޮށް، ގަތަރާއި އަދި އެހެނިގެން ގައުމަުތަކާއެކުވެސް ގުޅުން ގާއިމް ކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުން ގެންދާ ކަމަށާއި، އެގޮތުން ކުރަންޖެހޭ ދިރާސާތައް ކޮށް ބައްދަލު ކުރަންޖެހޭ ފަރާތްތަކާ ބައްދަލުކުރަމުން ގެންދަވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރާއްޖެއަށް އިހުތިރާމްކުރާ ރާއްޖޭގެ އުސޫލުތައް ބަލައިގަންނަ، ބައިނަލް އަގުވާމީ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރާ ހުރިހާ ގައުމަކާއެކު ރާއްޖޭން ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ގުޅުން ގާއިމްކޮށް އެކުވެރިކަމުގެ ގުޅުން ގާއިމްކުރާނެ ކަމަށެވެ.

ޝާހިދުވިދާޅުވީ، ގައުމުތަކާ ގުޅުން ގާއިމް ކުރުމުގައި ސަރުކާރުގެ އޮތީ އެންމެ ވިސްނުމެއް ކަމަށެވެ. އެއީ ދިވެހިންގެ މަސްލަހަތަށް އިސްކަންދީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްް ބެލުން ކަމަށެވެ. އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކޮށް ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަށް ނޫންގޮތަކަށް އެއްވެސް ގައުމަކާއެކު ގުޅުން ގާއިމް ނުކުރައްވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟