ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށާނަން: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެކަން ހާމަކުރެއްވީ ބ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ އެހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްްޖުމްހޫރިއްޔާ ވިދާޅުވީ 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށާއި އާ އިމާރާތް ހުޅުވިގެންދާއިރު އެހޮސްޕިޓަލުން ފިޒިޔޮތެރަޕީއާއި ޑަޔަލިސިސްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި ސްކޭނުގެ ހިދުމަތްތަކާއި ލެބޯޓަރީގެ ހިދުމަތް ލިބިގެންދާއިރު ޕްރައިވެޓް ރޫމުތައްވެސް ލިބެން ހުންނާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ސިއްހީ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ބޮޑުވީ މާލެ ތޮއްޖެހުމަށް ސަރުކާރުން ރޭވި މަޝްރޫއުތަކުގެ ސަބަބުން ކަމަށެވެ.

އަދި ރަށްރަށުން އެކަށީގެންވާ ސިއްހީ ހިދުމަތްތައް ލިބެން ނެތުމަކީ، މިއަދުވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމަށް މާލެ ދާ މީހުންނަށް ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް އެތައް ދުވަހަކު އިންތިޒާރުގައި ތިބެން ޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާއިން ރަނގަޅަށް ތަމްރީނު ލިބިފައި ތިބި މީހުން، ރަށްރަށުގައި އެކަށީގެންވާ މިންވަރަށް ނެތްކަމަށާއި އަދި ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި ރަނގަޅު ފެންވަރުގެ ބޭސް ލިބެން ނެތުމާއި ބޭހުގެ ކޮލިޓީ ދަށްވުމަކީވެސް ރައްޔިތުންގެ ޝަކުވާއެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ބ. އަތޮޅު ހޮސްޕިޓަލުގެ ތާރީހަށް ބަލާއިރު، އެ ހޮސްޕިޓަލަކީ، މާލޭގައި އޮންނަ މަރުކަޒީ ސަރުކާރުން ކަންކަން ކޮށްދޭނެ ވަގުތަކަށް އިންތިޒާރު ކުރުމުގެ ބަދަލުގައި، އަމިއްލައަށް ކަންކަން ރާވައިގެން، ސިއްހީ ހޭލުންތެރިކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ތަނެއް ކަމަށެވެ.

ރައީސް ވިދާޅުވީ ބ.އަތޮޅުގައި ފަތުރުވެރިކަން ފުޅާވަމުން އަންނަ ނިސްބަތަށް ބަލާއިރު ވެސް އެ އަތޮޅުގައި ސިއްހީ ހިދުމަތްތައް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.