ޚަބަރު

މަޖިލީހުން އީސީއަށް މެމްބަރުން އައްޔަންކުރާ އިރު، އަންހެން މެމްބަރަކު ހިމެނުން އެދެން: ޝަރީފް

ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަންކުރާ އިރު، އަންހެން މެމްބަރަކު ހިމެނުމަށް އެދޭ ކަމަށް އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މީގެ ކުރިން ވެސް އީސީގެ މެމްބަރެއްގެ ގޮތުގައި އަންހެނަކު ހިމެނިފައި ނުވާ ކަމަށެވެ.

"ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި މުޅިންވެސް ތިއްބަވާފައި ތިބީ ފިރިހެނުން. އަޅުގަނޑަށް ހީވަނީ ކޮމިޝަނެއްގައި އަންހެން ބޭފުޅަކު ނުހިމެނޭ ހަމައެކަނި ކޮމިޝަނަކީ އިލެކްޝަން ކޮމިޝަން ކަންނޭނގޭ. އެހެންވީމާ އަޅުގަނޑުމެންގެ ކޮމިޝަނުގެ ފަރާތުން ގަބޫލުކުރަން އެންމެ މަދުވެގެން އެއް އަންހެން މެމްބަރަކު ކޮމިޝަނުގެ ތެރޭގައި އިންނަވަން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކުރިމަގުގައި މެމްބަރުން ކަނޑައަޅުއްވާ އިރު، މަދުވެގެން އެއް އަންހެން މެމްބަރަކު ހިމެނޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މިހާރު އީސީގެ އޮފީސް ހިންގާ އިމާރާތަކީ އެހެން އޮފީސްތަކެއް ވެސް ހިންގަމުން އަންނަ އިމާރާތެއް ކަމުން، ސެކިއުރިޓީ ގޮތުން އެންމެ އެކަށީގެން ނުވާ ކަމަށް ވިދާޅުވެ، އޮފީސް އިމާރާތެއް އެޅުމަށް ބިމެއް ހަމަޖައްސައިދިނުމަށް ވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޝަރީފް އެދިވަޑައިގެންފައިވެއެވެ.