ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިއްހީ ނިޒާމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ އެ ނިޒާމުގެ ތެރެއަށް ކޮރަޕްޝަނާއި ފަސާދަ ވަނުން: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

2

ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ސިއްހީ ނިޒާމުގެ ތެރެއަށް ކޮރަޕްޝަނާއި ފަސާދަ ވަނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ބ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އާސަންދަ ތައާރަފުކުރި ފަހުން އާސަންދައިގެ ހަގީގީ މަގުސަދު ހާސިލުނުވެ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވަނީ ވެސް ކޮރަޕްޝަންގެ ސަބަބުން ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި މީގެކުރިން ސިއްހީ ނިޒާމުގެ ތެރެއިން ހިންގަން ރާވާފައި ހުރި މަޝްރޫއުތަކުގެ ތެރެއަށް ކޮރަޕްޝަން ވަދެފައިވާކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިއްހީ ހިދުމަތުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން އަދި އެމީހަކު ހުރި ރަށަކުން ސިއްހީ ހިދުމަތް ދިނުން ކަމަށާއި އެގޮތުން މިއަހަރު ތެރޭގައި ޕްރައިމަރީ ހެލްތްކެއާ ޕްރޮގްރާމް ރާވަން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

އަދި އެކަން ކުރެވޭނީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ސިއްހީ ނިޒާމަށް ބަދަލުތަކެއް ގެނެސް، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަަކުގެ ފެންވަރު ރަގަޅުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިއްހީ ނިޒާމު ލާމަރުކަޒީ ކުރުމުން ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް ކުރަންޖެހޭ ހަރަދުތަކަށް އޭރުން ހައްލު ލިބިގެންދާނެ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ބ. އަތޮޅު ހޮސްޕިޓަލަށް 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ. އެފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟