ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

މިއަހަރު ނިމޭއިރު ސިއްހީ ހިދުމަތް ހޯދަން މާލެއަށް ދާން ޖެހޭ މިންވަރު 50 އިންސައްތައަށް ދަށް ކުރުމަކީ ބޮޑު އަމާޒެއް: އަމީން

މިއަހަރު ނިމޭއިރު ސިއްހީ ހިދުމަތް ހޯދަން މާލެއަށް ދާން ޖެހޭ މިންވަރު 50 އިންސައްތައަށް ދަށް ކުރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ބ. އަތޮޅު ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިއްހީ ސިޔާސަތުގައި މިއަހަރަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތަކުގެ އެއް އަމާޒަކީ ރައްޔިތުން ހިދުމަތް ހޯދަން ކުރަން ޖެހޭ ހޭދައާއި ތަކުލީފު ކުޑަކުރުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރު އަތޮޅުތަކުން ރައްޔިތުން ހިދުމަތް ހޯދަން މާލެއަށް ދާން ޖެހޭ މިންވަރު 50 އިންސައްތައަށް ދަށްކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ ދިހަ ސަރަހައްދަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ ފެންވަރު މަތިކުރުމުގެ ހާއްސަ މަސައްކަތުގެ ތެރެއިން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހިދުމަތް ފުޅާކޮށް، ތަރައްގީ ކުރެވިގެންދާނެ ކަމަށާއި އެ ހިދުމަތްތަކުގެ ތެރޭގައި ސީޓީ ސްކޭންގެ ހިދުމަތް ގާއިމުކުރުމާއި އެނދުތައް އިތުރުކުރުމާއި އަދި މިނޫން ވެސް އެތައް ހިދުމަތްތަކެއް ތައާރަފުކުރުން ހިމެނިގެންދާނެ ކަމަށެވެ.

"ސިއްހީ މައުލޫމާތުތައް ދިރާސާކުރެވި، ހިދުމަތް ފުޅާކުރުމުގައި އެންމެ ބޮޑަށް އިސްކަން މިދެނީ ހިދުމަތް ހޯދަން މާލެ ދާންޖެހޭ ސަބަބުތައް ދެނެގަނެ، އެ ހިދުމަތްތައް ސަރަހައްދުތަކުގައި ގާއިމުކުރުމަށް. ހަގީގީ މާނައިގައި ޖަޒީރާ ދިރިއުޅުމުގެ އުފާވެރިކަން އަޅުގަނޑުމެންނަށް ލިބިދެވޭނީ ދިރިއުޅޭ ސަރަހައްދުން އެކަށީގެންވާ ސިއްހީ ހިދުމަތް ލިބިގެން. އަޅުގަނޑުމެން ބަލިވެގެން ގޮސް، ހޮސްޕިޓަލުގައި ޓަކި ޖެހުމުގެ ކުރިން ޕަބްލިކް ހެލްތު އެހީތެރިޔާ، އަޅުގަނޑުމެން ދުޅަހެޔޮ ކަންމަތީ ތިއްބައި އައިސް، އަޅުގަނޑުމެންގެ ގޭގައި ޓަކި ޖެހުމާ ހިސާބަށް ދަންދެން ސިއްހީ ނިޒާމު ހަރުދަނާވެ، ވަރުގަދަވީ ކަމަކަށް އަޅުގަނޑުމެންނަށް ބަލައެއް ނުގަނެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ ވަރުގަދަ ޕަބްލިކް ހެލްތު ނިޒާމަކާއެކު އަތޮޅު ނުވަތަ ސަރަހައްދީ ފެންވަރުގެ ޒަމާނީ ފަރުވާގެ ނިޒާމެއް ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި އެއީ ބުރަ އަދި އުނދަގޫ މަސައްކަތެއް ކަމުގައިވިޔަސް އެ ހިސާބަށް ރާއްޖޭގެ ސިއްހީ ނިޒާމު ގެންގޮސްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.