ހޮޓެލް ޖެން ސަރަހައްދުގައި ކުރިއަށްދިޔަ އިހުތިޖާޖުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ހައްޔަރުކުރި މީހާއަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހޮޓެލް ޖެން ހުންނަ ސަރަހައްދުން 34 އަހަރުގެ ދިވެހި ފިރިހިނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ސަރަހައްދުން ދުރަށް ދާން ފުލުހުން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ދުރަށް ނުދިއުމުން ހައްޔަރުކުރި މީހާ ފުލުހުންގެ މަރުކަޒަށް ގެންގޮސް، ނަސޭހަތް ދިނުމަށްފަހު މިރޭ 9:40 ގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާންމު ޖަލްސާ ހޮޓެލް ޖެންގައި ކުރިއަށްދާ އިރު، އެ ސަރަހައްދުގައި ދަނީ އިހުތިޖާޖު ކުރަމުންނެވެ. އެ ސަރަހައްދަށް އެއްވެފައިވާ މީހުން ގޮވާލަމުންދަނީ ކުރީގެ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ކުއްޔަށް ދިން ރަށްތައް އަތުލުމަށެވެ.
އެ ސަރަހައްދުގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ވެސް ލިބެއެވެ.