ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބ. އަތޮޅު، އަތޮޅު ކައުންސިލު މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ބ. އަތޮޅުގައި ކުރިއަށް ރޭވިފައިވާ ތަރައްގީގެ މަޝްރޫއުތަކާއި އަދި މިހާރު ކުރިޔަށްގެންދާ މަސައްކަތްތަކާ ރަށްރަށުގައި ހުރި ދަތި މައްސަލަތަކާބެހޭ ގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށެވެ.
އަތޮޅުކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާއި އެކު މަޝްވަރާކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ބައެއް ރަށްރަށުގެ ބަނދަރު ހަލާކުވެ މާރާމާތަށް ބޭނުންވެފައިވުމާއި އަދި އަތޮޅުގެ އެކި ރަށްރަށަށް ބޭނުންވެފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން އަތޮޅުގެ އެކި ރަށްރަށުގައި ހުރި ކަންބޮޑުވުންތަކާއި އަތޮޅުތެރޭގެ ފެރީގެ ނިޒާމު ހަރުދަނާކޮށް މިހާރަށްވުރެ ފަސޭހަގޮތަކަށް ބައްޓަންކުރުން ހިމެނެއެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލުން ވަނީ ކައުންސިލު ހިންގުމުގައި ހުރި ދަތިމައްސަލަތައްވެސް ރައީސާ ހިއްސާކޮށްފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުތައް ބާރުވެރިކުރުވުމަށް ސަރުކާރުން ރާއްވަވާފައިވާ ޕްލޭންތަކާ އަދި ކުރިމަގުގައި ފެނިގެންދާނެ ބަދަލުތަކާބެހޭ މައުލޫތު ކައުންސިލަރުންނާ ހިއްސާކުރެއްވިއެވެ.
އަދި ކައުންސިލަރުން ފާހަގަކުރެއްވި ބައެއް މައްސަލަތައް ހައްލުކުރުމަށް ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތަކާއި އެމަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލަރުންނާ ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.