ޚަބަރު

ހިލޭ ގާނޫނީ އެހީތެރިކަން ދިނުމާ ބެހޭ ފުރަތަމަ ޕްރޮގްރާމް އައްޑޫ ސިޓީގައި ފަށަނީ

ޝަހީދާ އަބްދުﷲ ސައީދު

އާންމު ރައްޔިތުން ގާނޫނަށް ހޭލުންތެރިކޮށް، ފޯރުންތެރިކަން ނެތް ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ދިނުމަށް ''މޮބައިލް ލީގަލް އެއިޑް ކްލިނިކް'' ގެ ނަމުގައި ކުރިއަށްގެންދާ ގާނޫނީ ލަފާދޭ ފުރަތަމަ ޕްރޮގްރާމް އައްޑޫ ސިޓީގައި ބާއްވަން ނިންމައިފިއެވެ.

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން މައުލޫމާތުދިން ގޮތުގައި މި ޕްރޮގްރާމް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ ދަށުން ގާނޫނީ ލަފާ ފޯރުކޮށްދޭނެ މައްސަލަތަކުގެ ތެރޭގައި ކޮންޓްރެކްޓާ ގުޅޭ މައްސަލަތަކާއި ބިމާއި މުދަލާ ގުޅޭ މައްސަލަތަކާއި ވަޒީފާގެ މައްސަލަތަކާއި ބެންކް ލޯނާ ގުޅޭ މައްސަލަތަކާއި އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތަކާ ގުޅޭ މައްސަލަތަކުގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތަކާއި މަދަނީ މައްސަލަތަކެވެ.

އެގޮތުން ފުރަތަމަ ޕްރޮގްރާމް ބޭއްވުމަށް އައްޑޫ ސިޓީގައި ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 2 އިން 3 އަށެވެ. އައްޑޫ ސިޓީގައި ހިންގާ މި ޕްރޮގްރާމުގައި 14 ވަކީލުންނާއި މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ ފެމިލީ ލީގަލް ކްލިނިކްގެ ފަރާތުން ވަކީލަކު ބައިވެރިވާނެއެވެ.

ދެ ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީގައި ހިންގާ ޕްރޮގްރާމްގައި ފުރަތަމަ ދުވަހު ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމާ ގުޅޭ ގޮތުން ސާނަވީ ސުކޫލު ދަރިވަރުންނަށް މައުލޫމާތު ދޭނެއެވެ.

އަދި މި ޕްރޮގްރާމްގައި ފުރާވަރުގެ ކުދިންނަށް ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާއިން ރައްކާތެރިވުމުގައި އަމަލުކުރަންޖެހޭނެ ގޮތްތަކަކީ ކޮބައިކަމާއި ރައްކާތެރި މާހައުލެއް ގާއިމްކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ގްރޭޑް 11 އަދި ގްރޭޑް 12 އިގެ ދަރިވަރުން ހޭލުންތެރިކުރުވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 2 ވަނަ ދުވަހުގެ 14:30 އިން 16:00 އަށް ޝަރަފުއްދީން ސުކޫލުގައެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގާ މި ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ބައްޓަން ވެފައިވާ ގޮތްތަކާއި ކޯޓުތަކަށް މައްސަލަ ހުށަހަޅެމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި ދައުވާ ފޯމު ފުރާނެ ގޮތްތަކާއި ގާނޫނު ފަހުމުވުމުގައި ގެންގުޅެންޖެހޭނެ މިންގަނޑުތަކާއި އަދި މުހިންމު ކަންކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވޭނެ ކަމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން މައުލޫމާތު ދެއެވެ.

އާންމު ރައްޔިތުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ރޭ 20:00 އިން 22:00 އަށް ޝަރަފުއްދީން ސުކޫލުގައެވެ.

އާންމު ރައްޔިތުނަށް ގާނޫނީ ލަފާދިނުމަށް ބާއްވާ ޕްރޮގްރާމްގައި ގާނޫނީ ވަކީލެއްގެ ލަފާ ބޭނުންވާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގާނޫނީ ވަކީލުންނާއި އެއްމޭޒު ދޮށުން އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް ބައްދަލުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. ރައްޔިތުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފޯރުންތެރިކަން ނެތް ފަރާތްތަކުން ކޯޓަށް ހުށަހަޅަން ބޭނުންވާ މައްސަލަތަކުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާނަމަ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ މައްސަލަތައް ބަލައި، އެފަދަ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ސަރުކާރުން ނުވަތަ ދައުލަތުގެ އިދާރާތަކުން ހޯދަން ބޭނުންވާ އަސާސީ އަދި އިޖުތިމާއީ އެހީ ހޯދުމަށް ފޯމު ފުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އުމުރުން ދުވަސްވީ މީހުނާއި އަދި އެކަނިވެރި މައިންނާއި ބަފައިންނަށް އިނާޔަތާއި އެހީ ހޯދުމަށް ހޯދުމަށް ފޯމު ފުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ދަންފަޅި ހިންގުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 3 ވަނަ ދުވަހު ހެނދުނު 9:00 އިން 12:00 އަށް ހުޅުމީދޫ، ސ.އަތޮޅު މަދަރުސާގައެވެ. އަދި ދެވަނަ ދަންފަޅި ހިންގުމަށް ހަމަޖެހިފައިވަނީ ހަމަ އެ ދުވަހުގެ 14:00 އިން 18:00 އަށް، ސ.ހިތަދޫ ޝަރަފުއްދީން ސުކޫލުގައެވެ.