ބޮލުން ހަންފޮޅުމަކީ 50 އިންސައްތަ މީހުންނަށް ކުރިމަތިވާ ބޮޑު މައްސަލައެކެވެ.
މިއީ އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރުވާވެސް މައްސަލައެެކެވެ. ބޮލުން ހަންފޮޅެން މެދުވެރިވާ ތަފާތު ސަބަބުތަކެއް ހުރެއެވެ. ބައެއް ފަހަރު ބޭނުންކުރެވޭ ކޮސްމެޓިކަކުން ނުވަތަ ބޮލުގެ ތަލައަށް ދިމާވާ ސިއްހީ މައްސަލައަކުންވެސް ބޮލުގައި ހަންފޮޅިދާނެެއެވެ. އަދި އުޅޭ މާހައުލުގެ ވައި ތަޣައްޔަރު ވުމަކީވެސް އިސްތަށިގަނޑުގެ ދުޅަހެޔޮ ކަމަށް އަސަރު ކުރުވާ ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.
މިލިޔުމުގައި މި ބަލައިލަނީ ބޮލުން ހަންފޮޅުމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.
ކާށިތެޔޮ ބޭނުންކުރުން:
ކާށި ތެލަކީ ދިވެހިންނަށް ފަސޭހައިން ލިބެން ހުންނަ އެއްޗެކެވެ. އަޅުގަނޑުމެންގެ ރީތި، ޖަޒީރާ ރަށްތަކުގެ ވަށައިގެން ފެންނަން މި ހުންނަނީ ރުކެވެ. އެެރުއްތަކުގައި އަޅާ ކާށި ބޭނުންކޮށްގެން، ކާށިތެޔޮ އުފައްދާ މީހުންވެސް މި ރާއްޖޭގައި އެބައުޅެއެވެ. ކާށި ތެލަކީ ފައިދާތަކުން ފުރިގެންވާ، އަދި އެހާމެ ފަސޭހައިން ލިބެން ހުންނަ ތެލެކެވެ. ކާށިތެލުން ގިނަ ފައިދާ ލިބޭކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އެނގެއެވެ. އެހެންނަމަވެސް، އެއިން ނުބައި ވަސް ދުވާ ކަަމަށް ބުނެ، އެ ތެޔޮ ބޭނުންކުރާ މީހުން މަދެވެ. ވަހަކަށް ބަލާނެ ކަމެއް ނެތެވެ.
ކާށިތެލަކީ ބޮލުން ހަންފޮޅުން ދުރުކޮށްދޭ އެއްޗެއް ކަމަށް ހަމުގެ ޑޮކްޓަރުން ބުނެއެވެ. އަދި ސިއްހީ މައުލޫމާތު ދޭ ވެބްސައިޓުތަކުގައިވެސް އެވާހަކަ ލިޔެފައިވެއެވެ. ކާށި ތެލަކީ ބޮލުގެ ތަލަ "ހައިޑްރޭޓް" ކޮށްދިނުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. ބޮލުން ހަންފޮޅެނީ، ބޮލުގެ ތަލަ "ޑްރައި" ވުމުންނެވެ. އެހެންކަމުން، ކާށިތެލަކީ ބޮލުން ހަންފޮޅޭ މައްސަލައަށް ހައްލު ހޯދައިދޭނެ މިތުރެކެވެ.
ސްޓްރެސް ނުވުން:
ސްޓްރެސް ވުން ނުވަތަ ކަންކަމާ މާބޮޑަށް ފިކުރު ކުރުމަކީ މުޅި މީހާގެ ސިއްހަތަށްވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެެއެވެ. އެގޮތުން އިސްތަށިގަނޑުގެ ދުޅަހެޔޮ ކަމަށްވެސް ސްޓްރެސްވުމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާއިރު، ބޮލުން ހަންފޮޅުމަކީވެސް ސްޓްރެސް ވާ މީހުންނަށް ކުރިމަތިވާ މައްސަލައެކެވެ. އެހެންކަމުން ކަންކަމާމެދު މާބޮޑަށް ވިސްނައި ފިކުރު ކުރުމުން ދުރުވުމަކީ މުހިންމު ކަމެކެވެ.
އޮމެގާ-3 ބޭނުންކުރުން:
މިއީ ކަނޑުމަހުން ލިބޭ މާއްދާއެކެވެ. މުށި ކުލައިގެ ބިހުގައިވެސް އޮމެގާ-3 ގިނަ މިންވަރަކަށް އެކުލެވިގެންވެއެވެ. ސިއްހީ މައުލޫމާތުދޭ އެކި އެކި ވަސީލަތްތަކުން ބުނާގޮތުން، އޮމެގާ-3އަކީ އިސްތަށިގަނޑުގެ ސިއްހަތަށް ވަރަށް ރަނގަޅު މާއްދާއެކެވެ. އެގޮތުން، އޮމެގާ-3 ހިމެނޭ ކެއުމުގެ ބާވަތްތައް އާއްމުކޮށް ކާ މީހުންގެ އިސްތަށިގަނޑު ވަރުގަދަ ވުމުގެ އިތުރުން، އެފަދަ މީހުންގެ ބޮލުން ހަންފޮޅުމުން ދުރުކޮށްދޭ ކަމަށްވެސް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.
ބޭކިން ސޮޑާ ބޭނުންކުރުން:
ތިބާގެ ބަދިގޭގައި މިހާރުވެސް ބޭކިން ސޮޑާ އެބަހުރި ނޫންހެއްޔެވެ؟ މިއީ ބޮލުން ހަންފޮޅޭ މައްސަލައަށް ހައްލު ހޯދައިދޭނެ އިންގްރީޑިއެންޓެއް ކަަމަށް، އެކަން ތަޖުރިބާ ކުރި މީހުންނާ ހަވާލާދީ ސިއްހީ ވެބްސައިޓުތަކުގައި ބުނެފައިވެއެވެ. ބޯ ތެއްމާލުމަށްފަހު، ބޭކިން ސޮޑާ ބޮލުގެ ތަލައިގައި ހާކައިގެން ބޯ ދޮންނާށެވެ. އަތަށް އަޅާނީ، ޝޭމްޕޫ ލާއިރު ބޭނުން ކުރާވަރުގެ އެތިކޮޅެކެވެ. ބޭކިން ސޮޑާ ބޭނުންކުރާ ފަހަރު ޝޭމްޕޫ ބޭނުން ކުރާނެ ކަމެއް ނެތެވެ. ބޭކިން ސޮޑާގައި ހިމެނޭ އެންޓި ފަންގަލް މާއްދާތަކަކީ ޑޭންޑްރަފް އުފައްދާ ފަންގި މަދުކޮށްދޭ އެއްޗެކެވެ.
ލޮނުލައިގެން ބޯދޮވުން:
ޝޭމްޕޫ ލައިގެން ބޯ ދޮވުމުގެ ކުރިން ބޮލުގައި ކުޑަ ލޮނުކޮޅެއް ލުމަށްފަހު ރަނގަޅަށް ބޯ ދޮންނާށެވެ. އަދި ރަނގަޅަށް ބޯ މަސާޖުކޮށްލާށެވެ. މިއީވެސް ބޮލުން ހަންފޮޅުމުން ދުރުކޮށްދޭ ކަމެއް ކަމަށް ޑޮކްޓަރުން ބުނެއެވެ.
މިދެންނެވި ކަންތައްތަކުގެ އިތުރުންވެސް، ބޮލުން ހަންފޮޅުން ހުއްޓުވުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރޭގައި ލުނބޯ ފެނުން ބޯދޮވުން ފަދަ ކަންކަން ހިމެނެއެވެ. އެހެންކަމުން ދެންވެސް ތިބާގެ ބޮލުން ހަންފޮޅޭކަން ފާހަަގަ ވާނަމަ ކޮންމެވެސް ހޯމް ރެމެޑީއެއް ބޭނުންކޮށްގެން އެކަމަށް ހައްލެއް ހޯދަން އަވަސް ވެގަންނާށެވެ.