ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވާގޮތުން ފޮރިން މިނިސްޓަރ މަޖިލީހަށް ހާޒިރު ކުރަނީ، ގަތަރާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައިވާތީއެވެ.
ޖާބިރު ސުވާކު ކުރެއްވުމަށް ހަމަޖެހިފައިވަނީ، އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ހިސާބާއި، ގަތަރާއި ރާއްޖެއާ އޮންނަ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތާބެހޭގޮތުންނެވެ.
ޝާހިދަކީ ޖާބިރު ސުވާލު ކުރެއްވުމަށް ހުށަހަޅުއްވައިގެން މުއްދަތު ހަމަވެފައިއޮތް ތިންވަޒީރުންގެ ތެރެއިން އެއް ވަޒީރެވެ.
ދެން ޖާބިރު ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، އެ މިނިސްޓަރުންވެސް ޖާބިރުގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށެވެ.