ޚަބަރު

މޫސަ ވެސް އެމްޑީޕީއަށް ހަރާންކޯރުވީ: ފަލާހު

އެމްޑީޕީން ކުރިމަތިނުލެއްވި ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ނުހޮވުނީސް ކަމަށާއި އެކަމަކު މޫސަ ވެސް އެމްޑީޕީއަށް ހަރާންކޯރުވީ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް މިހާރު މަޖިލީހުގައި ކުރިއަށްދާ ބަހުސްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ގިނަ މެމްބަރުންތަކެއް އިންތިހާބުވި ޕާޓީތަކުން ވަކިވެފައިވާ ކަމަށާއި އެ ގާނޫނު އުވާލަން ތާއީދު ނުކުރާ ކަމަށެވެ.

"މަނިކުފާނު ވެސް އެމްޑީޕީއަށް ހަރާންކޯރުވީ. އެމްޑީޕީން ކުރިމަތިނުލެއްވި ނަމަ، ހުޅުހެންވޭރު ދާއިރާއަށް މަނިކުފާނު އިންތިހާބުވެވަޑައިނުގަތީސް،" އޭނާ ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ބޭނުމެއް ނުވާނެ ކަމަށާއި ގާސިމްގެ މަސައްކަތުން ހޮވިވަޑައިގެންނެވި ގިނަ މެމްބަރުންތަކެއް ޕާޓީ ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ފަލާހު ހޮވުމަށް ވެސް ގާސިމް މަސައްކަތްކޮށްދެއްވި ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ވަގުތީ ކޮމެޓީން ވަނީ ފާސްކޮށްފައެވެ. އެ ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.