ހުޅުމާލޭގައި އަންހެނަކު ދުއްވި ސައިކަލެއް ކޮންޓްރޯލު ނުކުރެވިގެން ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި ބިއްލޫރިގަނޑު ތަޅައިގެން ގޮސްފިއެވެ.
ފުލުހުން ބުނީ މިއަދު 14:00 ހާއިރު ހުޅުމާލެ ނިރޮޅު މަގުގައި އެ ހާދިސާ ހިނގިއިރު ފަހަތުގައި ކުޑަކުއްޖެއްވެސް އިން ކަމަށެވެ. އަދި ސައިކަލު ދުއްވަން އިން އަންހެން މިހާއަށާއި ކުއްޖާއަށްވެސް އަނިޔާ ލިބުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެގޮތުން ދުއްވަންއިން އަންހެންމީހާގެ މޫނުމަތި ކަފައިގެން ގޮސްފައިވާއިރު، ސައިކަލު ފަހަތުގައި އިން ކުޑަކުއްޖާގެ ލޯކައިރި މަށައިގެން ގޮސްފައިވެއެވެ.
އަދި ދެ މީހުންނަށްވެސް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވިދާޅުވީ، ސައިކަލު ދުއްވި އަންހެންމީހާގެ އަތުގައި ލައިސެންސް އޮތްކަމަށެވެ. އަދި އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.