ޚަބަރު

ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދު ބިލާހަކަށް ނުވާނެ: އަލީ ރިޒާ

ފަތޯނާ ފާއިޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބ.ފެހެންދުއަށް ދަތުރުފުޅު ކުރެއްވުމުން ހާމަވެގެންދަނީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ބިލާހަކަށް ނުވާނެކަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ށ.މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

އަލީ ރިޒާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެހެންދުއަށް ރައީސަކު ވަޑައިނުގަންނަވާތާ 40 އަހަރުވެފައިވާ ކަމަަށެވެ. އަދި ރައީސް ސޯލިހު އެރަށަށް ވަޑައިގެންނެވުމުން، އެއްވެސް ރަށެއް އިސްތިސްނާނުކޮށް ކޮންމެ އަތޮޅެއް، ކޮންމެ ރަށަކަށް އަސާސީ ހައްގު ކަށަވަރުކޮށްދޭނެ ކަމަށް ވީވައުދު ބިލާހަކަށް ނުވާނެކަން އިނގޭ ކަަމަށް އަލީ ރިޒާ ވިދާޅުވިއެވެ.

ރައީސް ސޯލިހު ބ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފެހެންދުއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސް ސޯލިހު ވަނީ އެރަށުގެ ކައުންސިލަރުންނާއި އެރަށުގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. އެގޮތުން އެރަށަށް އެންމެ ބޭނުންވާ ކަންކަން އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ.