ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލައިފި

މަރިޔަމް ޝަހުދާ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލައިފި އެވެ.

މިތަކެތި ފުލުހުން މިއަދު ނައްތާލާފައިވަނީ ދޫނިދޫގައެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި މިތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާ މެދު އަމަލުކުރުމަށް ކަނޑައަޅާފައިވާ ގަވައިދުގެ ދަށުންނެވެ. މިއަދު ނައްތާލާފައިވާ ބަނގުރަލާއި މަސްތުވާތަކެއްޗަކީ 2011 ވަނަ އަަހަރުން ފެށިގެން މިހާތަނަށް އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިއަދު ފުލުހުން ނައްތާލީ 23 މައްސަލައަކާއި 20 އިންސިޑެންޓެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެއްޗެހިކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެގޮތުން 172 ފުޅި ބަނގުރަލާއި 19 ޕެޓް ފުޅިގެ އިތުރުން 112 ބިޔަރުދަޅާއި އެހެނިހެން ތަކެތީގެ ތެރޭ ހިމެނޭ 20 އައިޓަމެއް މިއަދު ނައްތާލިކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި 25،854.3261 ގްރާމްގެ މަސްތުވާތަކެތި މިއަދު ނައްތާލެވުނު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިދިޔަ ޖޫން މަހުތެރޭ ފުލުހުން ވަނީ ތަފާތު އެކި މައްސަލަތަކުގައި އަތުލައިގަނެފައިވާ 416.9 ކިލޯގްރާމްގެ މަސްތުާތަކެތި ނައްތާލާފައެވެ. އެއީ ގާތްގަނޑަކަށް 414 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެއެވެ.