ޚަބަރު

ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ

އއ. މުށިމަސްގަލީގައި ތަރައްގީކޮށްފައިވާ ސަފާރީ އައިލެންޑް ރިސޯޓުން މާލެ ދަތުރުކުރަމުންދިޔަ "މިންވަރު" ނަމަކަށް ކިޔާ ދޯނިން ކަނޑަށް ވެއްޓި، ގެއްލުނު ޒުވާނާ ފެނިއްޖެއެވެ.

އެ ދޯނިން ކަނޑަށް ވެއްޓުނު ޒުވާނާ ހޯދުމުގެ މަސައްކަތް ރެއިން ފެށިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ދިޔައީ ކުރަމުންނެވެ. އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ފެނުނީ ކަނޑުމަތީ އޮއްވައި، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ލޯންޗަކަށް ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ޓީއެމްއޭގެ ސީ ޕްލޭނެއްގެ އެހީގައި ވެސް ބަލަމުންދިޔަ ކަމަށެވެ. އޭގެ އިތުރުން ކަނޑުގެ މަގުން ބެލުމުގައި ކޯސްޓް ގާޑުގެ ލޯންޗު ހަރަކާތްތެރިވި ކަމަށް ވެސް ބުންޏެވެ.

އިއްޔެ އިރުއޮއްސި 6:30 ހާއިރު ކަނޑަށް ވެއްޓި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަނަކަށް ހުރި ށ. ބިލެއްފަހި، ކްރެސްޓް، އުމުރުން 25 އަހަރުގެ ޢަލީ ފައުޒާން، ނަމަކަށް ކިޔާ ދިވެއްސެކެވެ. އޭނާ ކަނޑަށް ވެއްޓި، ގެއްލުނުކަން ކޯސްޓްގާޑަށް ރިޕޯޓްކުރީ ރޭ 9:28 ހާއިރެވެ.