ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި، ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއިންވެސް، 35000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ފަތުރުވެރިކަމުގެ މުހިންމު މަޝްރޫއުތަކެއް އިފްތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ގިނަ ވަޒީފާތަކެއް އުފެއްދުނު ނަމަވެސް އެ ވަޒީފާތަކުން ދިވެހިންނަށް މަންފާއެއް ކުރާނީ އެ ވަޒީފާތަކަށް ގާބިލު ދިވެހިންތަކެއް ތަމްރީނުކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް އަހުލުވެރި ކުރެވިގެން ކަމަށެވެ. އެއީ ފަތުރުވެރިކަމާ ގުޅޭ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ވަރަށް މުހިންމު މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަ ޕްލޭން އެކަށައެޅޭއިރު ހުރިހާ އަތޮޅަކަށް ބެހިފައިވާ، ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް މި ސިނާއަތް މިސްރާބު ބަދަލުވެގެންދާނެ ކަމަށެވެ. އަދި ބޮޑު ތިލަދުންމަތިން ފެށިގެން އައްޑުއަށް ފަތުރުވެރިކަން ފުޅާވެގެންދާއިރު، ވަކިވަކި ފަރުދުންގެ ޖީބަށް ވަންނަ ޑޮލަރު، ވަރަށް ބޮޑަށް އިތުރުވެ، އާއިލާތަކަށް އުފާވެރިކަން ލިބިގެންދާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
"އިތުރު ރިޒޯޓްތަކާއި ގެސްޓްހައުސްތައް ހުޅުވެމުންދާއިރު، ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖެ އިޝްތިހާރު ކުރުމަށްވެސް، ސަރުކާރުން މި އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުން. އެކަމަށްޓަކައި ބޮޑު ބަޖެޓެއް ކަނޑައަޅައި ކަމާގުޅޭ މުއައްސަސާތައް ގުޅިގެން، މިހާރުވެސް އެ އަންނަނީ މަސައްކަތް ކުރަމުން" ރައީސް ސޯލިހު ވިދާޅުވިއެވެ.