ޚަބަރު

ރައީސް ސޯލިހު ފުޅަދޫ ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައިފި

ފަތޯނާ ފާއިޒު

މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލަރުންނާއި އެރަށުގެ މުއައްސަސާ ތަކުގެ އިސް ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ފުޅަދޫ ކައުންސިލު އިދާރާގައި މިއަދު ބޭއްވި މިބައްދަލުވުމުގައި ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ޝަކުވާތައް ހުރި ކަންކަމާއި ރަށުގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

އެގޮތުން ރަނގަޅުފެންވަރުގެ ބަނދަރެއްނެތުމާއި ނަރުދަމާއާއި ކަރަންޓުގެ ހުރި ދަތިތަކާއި ސިއްހީ ދާއިރާއިން ހުރި ބައެއް މައްސަލަތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފެރީގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރުމާބެހޭގޮތުންނާއި ކުނީގެ މައްސަލަ ހައްލުކުރުމުގައި ހުރި ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ކައުންސިލަރުންނާ މުއައްސަސާތަކުގެ ވެރިން ރައީސްއާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފުޅަދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރިން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާކުރެއްވިއެވެ.

އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.