ޚަބަރު

ރަހްމަތްތެރިންގެ ދުވަހުގައި އެންމެން އަތުގުޅާލަނީ!

ފަތޯނާ ފާއިޒު

ފަސްހާސް ފައްސަތޭކައެއްހާ މީހުން މާލެ ވަށާ، އެއްފަހަރާ އަތު ގުޅާލުމުގެ ހަރަކާތެއް މިއަދު އޮންނާނެއެވެ.

ހޯމް މިނިސްޓްރީން އިންތިޒާމު ކުރާ މި ހަރަކާތަކީ، ބައިނަލްއަގްވާމީ ރަހްމަތްތެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަރަކާތެކެވެ.

މި ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމު ބައިވެެރިވެވަޑައިގަންނަވާނެއެެވެ.

މިއަދު ހަވީރު 16:30ގައި އޮންނަ މި ހަރަކާތުގައި ބައިވެރިވާ ކޮންމެ މީހަކުވެސް، އެމީހެއްގެ ކައިރީގައިވާ މީހެއްގެ އަތުގައި ހިފުމަށްފަހު، އަތްމައްޗަށް ނަގައިގެން 30 ސިކުންތުވަންދެން އަތުން ދޫނުކޮށް އަތްތައް ހޫރުވާލަން ޖެހެއެވެ.

ހޯމް މިނިސްޓްރީން ބުނީ، މި ހަރަކާތް ހިނގަމުންދާނެ ގޮތުގެ އިރުޝާދު، އެ ސަރަހައްދުގައި އިންތިޒާމް ހަމައްސަން ތިއްބަވާ ފުލުހުންގެ ފަރާތުން ލިބޭނެ ކަމަށެވެ. މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ މީހުން ލާން ޖެހޭނީ ގައުމީ ކުލައެއްގެ ހެދުމެކެވެ.

ހޯމް މިނިސްޓްރީގެ މީޑިޔާ ޑިރެކްޓަރ ހަފްސީ އަބްދުﷲ ވިދާޅުވީ މި ހަރަކާތަކީ އާންމުންނަށް ހުޅުވާލައިގެން ބާއްވާ ހަރަކާތެއް ކަމަށެވެ.

އޭނާ ވިދާޅުވީ މި ހަރަކާތުގައި ގާތްގަނޑަކަށް 5،500 މީހުން ބައިވެރިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަތުގުޅާލުމުގެ ހަރަކާތް މާލޭގެ އިތުރުން، އަތޮޅު ތެރޭގައިވެސް ކުރިއަށްދާނެއެވެ.