ހުސްވި އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެފަހުން، އޭނާ ގެއްލުވާލަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ޝަރީފް މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލިކަމަށް ތުހުމަތުކޮށް، ޝަރީފް އާއި އީސީގެ އެހެން މެންބަރުންނާއި މެންބަރުންގެ އާއިލާތަކާއި މުވައްޒިފުންނަށްވެސް ބިރު ދެއްކުމާއި ފުރައްސާރަ ކުރުން ބިރުގަންނަހާވަރަށް ކުރިއަށްދިޔަ ކަމަށެވެ.
"އަޅުގަނޑުމެންގެ ހަޔާތުގައި މިހާރުވެސް އެ މަންޒަރުތައް ހަނދާންކޮށްލީމަ ހީބިހިނަގާ، އަޅުގަނޑުމެންގެ ބައެއް މެންބަރުންގެ ގޭދޮށަށް، ރޭނަގަނޑު މަގުމަތީގައުޅޭ، ބާޒާރީ ބަހުރުވައިން ދަންވާނަމަ، ގުންޑާއިން ގޮއްސަ ދޮރުގައި ތަޅާ އާއިލާއަށް ބިރު ދައްކައިފަ އެބަހުރި، އަދި އަޅުގަނޑުމެންގެ މުވައްޒިފުން މަގުމަތިން ދަނިކޮށް ފަހަތުން އައިސް ކޮށާލާނަމޭ ކިޔައިފަ ބިރުދައްކައިފަ އެބަހުރި،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އޭގެ ތެެރެއިން އެއް މައްސަލައަކީ މުވައްޒިފަކު ރަހީނުކުރި މައްސަލައެއް ކަމަށެވެ.
އެކުއްޖާ ރަހީނުކުރީ، ރޭގަނޑު ދަންވަރު ބަޔަކު އެކުއްޖާއަށް ގުޅައި އެއްޗެއްގައި ސޮއި ކުރަން އިންތިހާބީ މަރުކަޒަށް އަންނާށޭ ކިޔައިގެން ގެންގޮސްގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެރޭ ދަންވަރު އެކުއްޖާގެ އާއިލާއިން އަޅުގަނޑަށް ފޯނުކޮށްފަ ބުނީ އީސީގެ މަސައްކަތަށް އެކުއްޖާ ގޮހޭވީ، އަޅުގަނޑު ދެންނެވިން މިގަޑީގަ އިލެކްޝަންސް ކޮމިޝަންގެ މަސައްކަތެއް ނޯންނާނެޔޭ، ދެން އަޅުގަނޑޫ ގުޅިން ވަގުތުން ފުލުހުންނަށް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ފޯނުކޮށްގެން އެކުއްޖާ އިންތިހާބީ މަރުކަޒަށް ގެނައީ އެކުއްޖާގެ ރައްޓެހި ކުއްޖެއްވެސް ބައިވެރިވެގެން ކަމަށާއި، އެމީހުން އެކުއްޖާ ރަހީނު ކުރީ ކޮފީއަކަށޭކިޔައިގެން ގެންގޮސްގެން ކަމަށެވެ. އަދި ފޯނު އަތުލައި ރަހީނުކޮށްގެން އެކުއްޖާއާ ސުވާލުކުރީ އީސީން ވޯޓު އޮޅުވާލުމަށް ކުރަނީ ކޮން ކަންތައްތަކެއްތޯ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އޭނާ ގެއްލުވާލަން އުޅޭ ކަމުގެ މައުލޫމާތު ދިނީ ފުލުހުން ކަމަށެވެ.
"މަގުމަތިން ވީނުވީއެއް ނޭނގި އަޅުގަނޑު މަގުމަތިން ދާއިރު ކާރު މަޑު ކުރުވާފައި އަޅުގަނޑު ގެއްލުވާލަން މަސައްކަތް ކުރި ކަމުގެ ރިޕޯޓު ފުލުހުން އަޅުގަނޑަށް ދިން،" ޝަރީފް ވިދާޅުވިއެވެ.