އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތައް ނިންމުމަށް ހުރި ހުރަސްތައް ދެނެގަނެ، އެ މައްސަލަތައް ނިންމުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމަށް، ރައްޔިތުންގެ މަޖިލީހުން ޖުޑިޝަރީ ކޮމިޓީއަށް މިއަދު މަތިކޮށްފިއެވެ.
ދިހަ އަހަރު ކުރީގެ މައްސަލަތަކާއެކު 1910 މައްސަލަ ކްރިމިނަލް ކޯޓުގައި ނުނިމި އޮތް ކަން ފާހަގަކޮށް، އެކަަމަށް ހައްލު ހޯދުމަށް މަޖިލީހުގެ އެހީތެރިކަމަށް އެދި ޖޭއެސްސީން ހުށަހެޅި ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރުމަށްފަހު، އެ ކަންކަން ހައްލު ކުރުމަށް އެ ރިޕޯޓް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ވަނީ ފާސްކޮށްފައެވެ.
ޖަލްސާއިން އެގޮތަށް ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން 65 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ކޯޓުތަކުގައި ހުރި މައްސަލަތައް އަވަސް ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ޖޭއެސްސީން ފެށި މަސައްކަތުގެ ތެރެއިިން ފުރަތަމަ ކަމެއްގެ ގޮތުގައި ދިރާސާ ކޮށްފައިވަނީ ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތަކެވެ.
ޖޭއެސްސީގެ ތިން މެންބަރުން ކަމަށްވާ، އެ ކޮމިޝަންގެ ނާއިބު ރައީސް މަސްތޫރު ހުސްނީ އާއި ހިސާން ހުސެއިންގެ އިތުރުން އަބްދުލް ޣަފޫރު އިބްރާހިމް ހިމެނިވަޑައިގަންނަވާ ކޮމިޓީއަކުން އެ މައްސަލަތައް ދިރާސާކޮށް، މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓްގައި ވަނީ މީގެ ދިހަ އަހަރު ކުރީގެ މައްސަލަތަކާއެކު 1910 މައްސަލަ ކްރިމިނަލް ކޯޓުގައި ނުނިމި އެބައޮތް ކަމަށެވެ.
އެހެންކަމުން ކޯޓުތަކުގައި ހުރި ހުރިހާ މައްސަލައެއް ނިންމުމަށް، ޖޭއެސްސީން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް، ކުރަންޖެހޭ ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމަށް އެ ރިޕޯޓްގައި ޖޭއެސްސީން ވަނީ އެދިފައެވެ.
އެމައްސަލަތައް ނިންމުމަށް ޖޭއެސްސީން ރިޕޯޓްގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ވަގުތީ 4 ފަނޑިޔާރުން ހަމަޖައްސައި އެކަމަށް ބޭނުންވާ ފައިސާގެ ކަންތަކާއި، ކޯޓުރޫމް އިތުރު ކުރުމުގެ އިތުރުންވެސް ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދެވިދާނެ ގޮތްތަކާ ބެހޭ މައުލޫމާތުވެސް ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން މިހާރު އެ ކޯޓުގައިތިބި މުވައްޒިފުންނާއި ތިއްބެވި ފަނޑިޔާރުންގެ އަދަދާއި އެ އެންމެންގެ ގާބިލްކަމާއި، މައްސަލަތައް ހަވާކުވެފައިވާ ފަނޑިޔާރުންނާއި މައްސަލަ ތަކާބެހޭ ހުރިހާ މައުލޫމާތެއް ރިޕޯޓްގައި ވަނީ ހިމަނައިފައެވެ.
މި ރިޕޯޓު އެ އިސްލާހާއެކު ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.