މަރުވުމަށް ދިމާވާ ސަބަބު ބަޔާންކޮށް، މަރު ސާބިތުކުރުމާ ބެހޭ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.
27 އަދި 28 ޖުލައިގައި ކުރިއަށް ގެންގޮސްފައިވާ މިތަމްރީން ޕްރޮގްރާމުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ 80 އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވިއެވެ.
މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ ބައިވެރިންނަށް މަރު ސާބިތުކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަރު ސާބިތުކުރުމާއި މި މަސައްކަތް މޮނީޓަރ ކުރާނެ ގޮތާއި ބެހޭގޮތުން ތަމްރީން ދިނުން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. މި ތަމްރީނު ދެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ކަނޑައަޅުއްވާފައިވާ މިދާއިރާގެ މާހިރުންނެވެ.
މި ތަމްރީން ޕްރޮގްރާމަށްފަހު، ދިވެހި ރާއްޖޭގެ ހޮސްޕިޓަލްތަކުގައި އަލަށް ވަޒީފާއަށް ނިކުންނަ ޑޮކްޓަރުންނަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް، ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ޑޮކްޓަރުންވެސް ހާއްސަ ކޮށްފައިވެއެވެ.
މީގެ އިތުރުން މަރު ސާބިތުކުރުމާ ބެހޭގޮތުން އުސޫލެއްވެސް އެކުލަވާލެވިފައިވާނެ ކަމަށްވެެސް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ މެޑިކަލް ސްކޫލާ ގުޅިގެން، އަލަށް ތަމްރީން ކުރެވޭ ޑޮކްޓަރުންގެ މުޤައްރަރުގައި މި ތަމްރީން ހިމެނުމަށްވެސް ވަނީ ރާވާފައެވެ.
މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގުޅިގެން ކުރިއަށް މިގެންދެވޭ މަސައްކަތުގެ އަމާޒަކީ މަރު ސާބިތުކުރާ ހިސާބުން ފެށިގެން، ބަލިތައް ކޯޑު ކުރުމާއި ސިއްހީ މައުލޫމާތު ދިރާސާ ކުރުމުގެ ފެންވަރު ރަނގަޅު ކުރުމެވެ.