ޚަބަރު

އިންޑިއާގެ ފޮރިން މިނިސްޓަރަށް މިނިސްޓަރ ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެ

މަރިޔަމް ޝަހުދާ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމަނިއަމް ޖައިޝަންކަރަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތައުޒިޔާގެ މެސެޖެއް ފޮނުއްވަވައިފިއެވެ.

ސުބްރަމަނިއަމް އަށް މިނިސްޓަރ ޝާހިދު ތައުޒިޔާ ވިދާޅުވެފައިވަނީ އިިންޑިއާގެ އެކި ސަރަހައްދުތަކަށް ވިއްސާރައިގެ ސަބަބުން ދިމާވެފައިވާ ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެންނެވެ. މިނިސްޓަރ ޝާހިދުގެ ތައުޒިޔާ މެސެޖުގައި މޫސުން ގޯސްވެ އިންޑިއާގެ އެކި ހިސާބުތަކުގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައްބައެއްގެ މުދަލަށް ގެއްލުން ލިބުނު ހަބަރު އަޑުއެއްސެވީ ނުހަނު ހިތާމައާއެކު ކަމަށް ވިދާޅުވިއެވެ.

މި މެސެޖުގައި އިންޑިއާއަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައިި ރާއްޖޭގެ ސަރުކާރު، ރާއްޖޭގެ ރައްޔިތުން އަދި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިންޑިއާގެ ސަރުކާރާއި ރައްޔިތުން އަދި ފޮރިން މިނިސްޓަރ ސުބްރަމަނިއަމް އަށް މިނިސްޓަރ ތައުޒިޔާ ވިދާޅުވިއެވެ. އަދި ހާއްސަކޮށް މި ހާދިސާގެ ސަބަބުން ނިޔާވި މީހުންގެ އާއިލާއަށް މިނިސްޓަރ ތައުޒިޔާ ވިދާޅުވިއެވެ.

އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އިންޑިއާގެ 17 ޑިސްޓްރިކްޓަކަށް އަސަރުކޮށްފައިވާކަމަށް އިންޑިއަން ޓުޑޭގައި ރިޕޯޓުކޮށްފައިވެއެވެ.