ޑރ. މުހައްމަދު މުއިއްޒު

ރަސްރަނި ބަގީޗާގެ ނަމާއެއްކޮށް ތަނަށް ބަދަލު ނުގެނައީ ކީއްވެ؟: ޑރ. މުއިއްޒު

ފަތޯނާ ފާއިޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ތަރައްގީ ކުރި ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ބަދަލު ކުރިއިރު، އެތަނަށް އެއްވެސް ބަދަލެއް ނުގެނައީ ކީއްވެގެންތޯ ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، ރަސްރަނި ބަގީޗާގެ ނަމުގައި ސަލްޓަން ޕާކު އަލުން ތަރައްގީކޮށް ހުޅުވީ، 2017 ވަނަ އަހަރުގެ އޯގަސްޓްމަހުގައެވެ. އެޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ އެއް ތަނަކީ، ބިމުން ފެށިގެން 12 ވަރަކަށް ފޫޓު އުހުގައި ހަދާފައިހުރި "ރަސްރަނި ވިއު"އެވެ. އެތަން ފަރުމާ ކުރީ ދަރިވަރުންނަށް އުނގެނުމަށް ކްލާސްރޫމްތަކާ އާޓް ޑެކެއްވެސް ހިމެނޭ ގޮތަށެވެ. އަދި ރާއްޖޭގައި ފިނި މޫސުން ތަޖުރިބާ ކުރެވޭ ގޮތަށް ތަރައްގީ ކުރި އެންމެ ފފުރަތަމަ ޕާކު ކަމަށްވާ ވިންޓަރ ޕާކުވެސް ހިމެނެނީ ރަސްރަނި ބަގީޗާގައެވެ.

ރަސްރަނި ބަގީޗާ ތަރައްގީ ކުރި ވުޒާރާގެ ހިންގެވުމާ އޭރު ހަވާލުވެ ހުންނެވި ވަޒީރު ޑރ. މުއިއްޒު ވަންއޮންލައިންއަށް ވިދާޅުވީ، ކުރިން ކީ ނަން އެޕާކަށް ދިންއިރު، ތަނަށް ބަދަލު ގެނެސްފައި ނުވަނީ ކީއްވެގެންތޯ ސުވާލު އުފައްދާފައިވާނެ ކަމަށެވެ.

މުއިއްޒު ވަނީ ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ބަދަލު ކުރީ ކޮންތާރީހެއް އާލާކުރަންތޯ ވެސް ސުވާލު އުފައްދަވައިފައެވެ.

"ނަމާ އެއްކޮށް، އެނަން ކީއިރު އެތަން އޮތް ގޮތަށް، ތަންވެސް ބަދަލު ކުރަންވީނޫންތޯ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ދިވެހިބަހާ ތާރީހު ބޮޑަށް އާލާ ކުރެވޭނީ ދިވެހި ނަމަކުން ކަަމަށެވެ. އެގޮތުން "ރަސްރަނި" އެނަމަކީ، ރަސްރަސްކަލުންނާއި، ރަނިކަނބަލުންނަށް ކުރުކޮށް ކިޔާ ނަމެކެވެ.

މި ސަރުކާރުން ބައެއް ތަންތަނުގެ ނަންތައް މީގެ ކުރިންވެސް ބަދަލުކޮށްފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެއީ މި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

މުއިއްޒުގެ ވާހަކައަށް ރައްދު ދެއްވަމުން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑިރެކްޓަރ ޝަމްއޫން ޖަލީލު ވިދާޅުވީ ރަސްރަނި ބަގީޗާގެ ނަން ބަދަލު ކުރީ ތާރީހު ދިރުވައި އާލާ ކުރަން ނޫން ކަމަށެވެ. ސަލްޓަން ޕާކުގެނަން ދިވެހިންގެ ހަނދާންތަކާ ގުޅިފައިވާތީ ކަމަށެވެ.

ޝަމްއޫނަަށް ރައްދު ދެއްވަމުން މުއިއްޒު ވިދާޅުވީ، ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ދިނީ ވަރަށް ގިނަ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ. އަދި އެއީ ދިވެހި ބަހާއި ތާރީހާވެސް ގުޅިފައިވާ ނަމެއް ކަމަށް ތަޖުރިބާކާރު ބޭފުޅުންވެސް ލަފާ ދެއްވިކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ސަލްޓަން ޕާކުގައި ހުރި އުސްގެކޮޅަށް ރައީސް ޔާމީންގެ ސަރުކާރުން އިހުމާލުވި ކަމަށް އޭރުގެ އިދިކޮޅު ފަރާތުން ކުރާ ތުހުމަތަށްވެސް މުއިއްޒު ޖަވާބު ދެއްވިއެވެ. އޭނާ ވިދާޅުވީ އެތަން ހުރީ ވީރާނާ ވެފައި ކަމަށާއި، އެތަން އަލުން މަރާމާތުކޮށް ކުޑަކުދިންނަށްޓަކައި ޑިޖިޓަލް މިއުޒިއަމްއެއް ހަދަން އެތަން ބަޔަކާ ހަވާލުކުރި ކަމަށެވެ.