އިބްރާހިމް ޒަކީ
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވަގުތުން ވަގުތަށް މަގާމުން ދުރުކޮށް، ރަނގަޅު ނޫން ގޮތުގައި ދައުވާކޮށް، ހުކުމް ކޮށްފައިވާ އެންމެނަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މައާފް ދެއްވައި ދޫކޮށްލެއްވުމަށް ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތަކާބެހޭގޮތުން، ޖޭއެސްސީން ހުށަހެޅި ރިޕޯޓަށް ކުރިއަށްދިޔަ ބަހުސްގައި ޖާބިރު ވިދާޅުވީ، މިހާރު ހުންނެވި ޕީޖީ ބިޝާމް، އެ މަގާމަށް ކޮލިފައިޑް ނޫން ކަމަށެވެ. އަދި އިތުބާރެއްވެސް ނުކުރެވެއެވެ.
މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުން، ޕީޖީ ކަންތައްކުރެއްވި ގޮތުންވެސް އެކަން ދޭހަވާކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުން ސިޔާސީ ބޭނުމަށް މީހުން ހައްޔަރުކޮށް، ބޭއިންސާފުން އެތައް ބަޔަކަށް އަދަބުދީފައިވާ ކަމަށެވެ.
އަދި މިހާރު ދިމާވެގެންއުޅޭ މައްސަލިގެ ހައްލަކަށްވާނީ ގަވާއިދާ ހިލާފަށް ސިޔާސީ ބޭނުމަށް ޕީޖީ ކޮށްފައިވާ ދައުވާތައް މިހިނދުން މިހިނދަށް ނަގައި، ޕީޖީ ވަގުތުން ވަގުތަށް މަގާމުން ވަކިކޮށް، އިތުބާރު ހިފޭ ރަނގަޅު ޕީޖީއެއް ލައިގެން ސިސްޓަމުގެ ތެރެއިން ކަންތައް ކުރިއަށް ގެންދިއުންކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
"ޑިމޮކްރެޓިކް އަދި ނުލާހިކު ސޯލިހު ރައީސަކު މިހާރު ހުންނަވާއިރު ކީއްވެގެންތޯ މައާފު ނުދޭންވީ، މައާފު ދީފަ ޖަލުތައްސާފުކޮށް ބަންދުކޮށްލަންވީ، ހަރުދަނާ ކޯޓުތަކަކާއެކު ފަށައިގަންނަ ނިޒާމްގެ ތެރެއިން ސިސްޓަމް އެކުލަވާލަންވީ،" ޖާބިރު ވިދާޅުވިއެވެ.