ޚަބަރު

ޑީއާރުޕީ ގެ ލީޑަރު ޖާބިރު، އިލެކްޝަން ކޮމިޝަންއާ ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

ޑީއާރުޕީ ގެ ލީޑަރު އަދި ކާށިދޫ ދައިރާގެ މެންބަރު އަބްދުﷲ ޖާބިރު އިލެކްޝަން ކޮމިޝަނާއި ބައްދަލު ކުރައްވައިފި އެވެ.

މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މި ބައްދަލުވުމާއި ގުޅިގެން ''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ޑީއާރުޕީގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ވިދާޅުވީ މި ބައްދަލުވުމަކީ ޑީއާރުޕީގެ ލީޑަރުގެ ހައިސިއްސަތުން ޖާބިރު އިލެކްޝަން ކޮމިޝަނަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއްކަމަށެވެ. އަދި މި ބައްދަލުވުމުގައި ޑީއާރުޕީއަށް ދިމާވެފައިވާ އެކި މައްސަލަތަކާއި ގުޅިގެން މަޝްވަރާ ކުރެވުނު ކަމަށް މުއާޒް ވިދާޅުވިއެވެ.

ޑީއާރުޕީގެ މެމްބަރޝިޕްގެ ކަންކަމާއި، ޕާޓީގެ ފަރާތުން ފާހަގަވާ އެކި މައްސަލަތައް މި ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަނާއި ޖާބިރު ހިއްސާކުރެއްވި ކަމަށް މުއާޒް ވިދާޅުވިއެވެ. އަދި އިލެކްޝަނުގެ ފަރާތުން ޕާޓީއަށް ބޭނުންވާ އެއްބާރުލުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް މުއާޒް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޖާބިރުގެ އިތުރުން ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި މިހާރު ޕާޓީގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ޕާޓީގެ ރަޖިސްޓާގެ މަގާމުގައި ހުންނެވި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ބައިވެރިވެ ވަޑައިގެންނެވި ކަމަށް މުއާޒް ވިދާޅުވިއެވެ.

ޑީއާރުޕީގެ ލީޑަރުގެ މަގާމަށް ޖާބިރު ހަމަޖައްސާފައިވަނީ މިމަހު 23ގައި ބޭއްވި ޑީއާރުޕީގެ ކައުންސިލް ބައްދަލުވުމުގައެވެ.