ޚަބަރު

ކުރީގެ ރައީސް ޔާމީންގެ ފަރާތުން ކޯޓަށް ދިފާއީ ހެކި ހުށަހަޅައިފި

މަރިޔަމް ޝަހުދާ

1

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަރާތުން ކްރިމިނަލް ކޯޓަށް ދިފާއީ ހެކި ހުށަހަޅައިފި އެވެ.

ރައީސް ޔާމީންގެ ފަރާތުން ކްރިމިނަލް ކޯޓަށް ދިފާއީ ހެކި ހުށަހަޅާފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައާއި ގުޅިގެނެވެ. މިކަމާ ގުޅިގެން ރައީސް ޔާމީން ގެ ގާނޫނީ ވަކީލު އާދަމް ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ރައީސް ޔާމީންގެ ފަރާތުން ކްރިމިނަލް ކޯޓަށް ދިފާއީ ހެކި ހުށަހަޅާފައިވާނެ ކަމަށެވެ.

ދައުލަތުގެ ފަރާތުން މި މައްސަލައިގައި ރައީސް ޔާމީނާ ދެކޮޅަށް ކިތާބީ ހެކިންގެ ގޮތުގައި ހުށަހަޅާފައި ވަނީ އެކައުންޓަށް ފައިސާ ޖަމާ ކުރުމުގައި ޗެކްތަކުން ކޮށްފައިހުރި މުއާމަލާތްތަކާއި، އޭސީސީ އާއި ރައީސް ޔާމީނާ ދެމެދުވި އެއްބަސްވުމެވެ. މީގެ އިތުރުން ރައީސް ޔާމީން ފުލުހުންނަށް ދެއްވި ބަޔާނާއި، އޭސީސީގެ ރިޕޯޓާއި، ސިޓީއަކާއި، މޫސާ ޒަމީރުގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ސްޓޭޓްމަންޓާއި، ޗެކާއި، އެސްކްރޯ އެކައުންޓުގެ ކަން ހިނގި ގޮތުގެ ރިޕޯޓާއި އޭސީސީ އަށް ރައީސް ޔާމީން ދެއްވި ބަޔާނާއި ރައީސް އޮފީހުގެ ސިޓީ އާއި، އެމްއެމްޕީއާރްސީ އޮޑިޓް ރިޕޯޓުގެ އިތުރުން ރަށެއް ކުއްޔަށް ދިނުމަށްވި އެއްބަސްވުމަކާއި، ބޭންކު އެކައުންޓެއްގެ ސްޓޭޓުމަންޓާއި، ރައީސް ޔާމީނުގެ މާލީ ބަޔާނާއި ބޭންކު ސްޓޭޓުމަންޓުތައް ދައުލަތުގެ ފަރާތުން ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ޝަފައީ ހެކިންގެ ގޮތުގައި ހުށަހަޅާފައި ވަނީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ، މިހާރުގެ ރައީސް މުއައްވިޒު ރަޝީދު، ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހިމެނޭގޮތަށް ހަތް ހެއްކެކެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މި ދައވާގެ އިބްތިދާއީ އަޑުއެހުމެއް މިމަހު 21 ވަނަ ދުވަހު ކްރިމިނަލް ކޯތުގައި ކުރިއަށް ގެންގޮސްފައިވެއެވެ. ޓީވީގެ ޒަރިއްޔާއިން ވަގުތުން ދެއްކި މި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. އެދުވަހުގެ ޝަރީއަތް ޝަރީއަތުގެ މަޖިލީހުގެ އިސް ގާޒީ ނިންމަވާލެއްވީ ރައީސް ޔަމީންގެ ފަރާތުން ހެކި ހުށަހެޅުމަށް ފަސް ދުވަހެއްގެ މުއްދަތެއް ދިނުމަށްފަހު އޮގަސްޓް ހަތަރެއްގައި ހެކިންގެ ހެކިބަސް ނެގުމަށް ޝަރީއަތުގެ މަޖިލިސް ބާއްވަން ނިންމުމަށްފަހު އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟