ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ބ. ފެހެންދޫއަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފެހެންދުއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފެހެންދޫގެ ކައުންސިލަރުންނާއި އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ބ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ މި ކުރައްވާ ދަތުރުފުޅުގައި ފެހެންދޫގެ އިތުރުން ފުޅަދޫ، އޭދަފުށި، ކިހާދޫ އަދި ދޮންފަނަށް ޒިޔާރަތްކުރައްވައި އެރަށްރަށުގެ ކައުންސިލަރުންނާއި އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ އަދި އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.