ޚަބަރު

ވަގަށް ނަގާފައިވާ ސައިކަލަކާއެކު މީހަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

ވަގަށް ނަގާފައިވާ ސައިކަލަކާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބާރު ސްޕީޑްގައި ދުއްވަނިކޮށް ފުލުހުންނަށް ފެނިގެން މަޑުކުރުމަށް ބުނުމުން މަޑުނުކޮށް ދިއުމުން އޭނާ ފަހަތުން ފުލުހުން ގޮއްސައެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި އޭނާގެ ފަހަތުން ފުލުހުން ދިޔައީ އޭނާ ދުއްވި ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ޝައްކު ކުރެވިގެނެވެ. އަދި އޭނާގެ ފަހަތުން ފުލުހުން ސައިކަލުގައި ދާންފެށުމުން ބޮޑުރަސްގެފާނުމަގަށް ސައިކަލު ދޫކޮށްލުމަށްފަހު ގަލޮޅު ގެއެއްގެ ތެރެއަށްވަދެ ފިލަން މަސައްކަތް ކުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާ އަތުލައިގަތީ އެގެއަށް ވަދެ ފިލަން މަސައްކަތް ކުރަނިކޮށް ކަމަށާއި މިހާރު ސައިކަލު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.