އިބްރާހިމް ޒަކީ
ދިހަ އަހަރު ކުރީގެ މައްސަލަތަކާއެކު 1910 މައްސަލަ ކްރިމިނަލް ކޯޓުގައި ނުނިމި އެބައޮތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ޖަލްސާގެ ރިޔާސަތުން މަޖިލީހަށް އަންގަންވާ ކަންތައް، އަންގަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޯޓުތަކުގައި ހުރި މައްސަލަތައް އަވަސް ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ޖޭއެސްސީން ފެށި މަސައްކަތުގެ ތެރެއިިން ފުރަތަމަ ކަމެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތަކާބެހޭ ރިޕޯޓް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތައް އަވަސް ކުރުމަށް މަޖިލީހުގެ އެހީތެރިކަމަށް އެދި ޖޭއެސްސީން ހުށަހެޅި މި ރިޕޯޓްގައި ހިމެނޭ ބައެއް ތަފްސީލްތައް މަޖިލީހުގެ ތަޅުމަށް އިއްވަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކްރިމިނަލް ކޯޓުގައި 1910 މައްސަލަ ނުނިމި އޮތްއިރު، އޭގެ ތެރޭގައި ދިހަ އަހަރު ވެފައިވާ 12 މައްސަލަ އާއި ފަސް އަހަރު ދުވަސްވެފައިވާ 126 މައްސަލައިގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 2 ޖުލައި 2017 ގައި އަމަލު ކުރަން ފެށިފަހުން ހުރި 181 މައްސަލަ ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ، އެހާގިނަ މައްސަލަތައް ކްރިމިނަލް ކޯޓުގައި އޮތްއިރު އެ ކޯޓުގައި ތިއްބެވީ، 9 ފަނޑިޔާރުން ކަމަށެވެ.