ޚަބަރު

އާއްމުންގެ ފަރާތުން ޖޭއެސްސީއަށް ކުރިމަތިލެއްވި 3 ބޭފުޅުންގެ ނަން ޖުޑިޝަރީ ކޮމިޓީއަށް

އިބްރާހިމް ޒަކީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް އާއްމުންގެ ފަރާތުން ކުރިމަތިލެއްވި 3 ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޖޭއެސްސީގައި އަމިއްލަ ފަރާތްތަކުން ހިމެނިވަޑައިގަންނަވާ މެންބަރުކަމަށް ކުރިމަތި ލުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވައިލެއްވި ފުރުސަތުގައި، އެކަމަށް ކުރިމަތި ލެއްވީވެސް 3 ބޭފުޅުންނެވެ.

އެ ތިން ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ، ކ. ތުލުސްދޫ ރޯޒީ އަލްއުސްތާޒު ހާލިދު ގާސިމް އާއި ގ. މަލްވީނާ އަލްއުސްތާޒު ޒުބެއިރު އަހުމަދު މަނިކު އާއި މއ. ރަންފަހި އަލްއުސްތާޒާ މިރުފަތު ފާއިޒް އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ، އެ ތިން ބޭފުޅުންގެ ނަން މަޖިލީހަށް އިއްވެވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ތިންބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރެއްވިއެވެ.

އާއްމުގެ ފަރާތުން ޖޭއެސްސީގައި އިންނަވާނެ މެންބަރަކު ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްގެންނެވެ.

އާއްމުންގެ ފަރާތުން ޖޭއެއްސީގައި މިހާރު އިންނެވީ ގ.އަސްމަހި އަބުދުލް ހައްނާނު އަހުމަދުއެވެ.

އޭނާގެ މެންބަރުކަމުގެ ދައުރު އަންނަ އޯގަސްޓް މަހުގެ 12 އަށް ހަމަވާނެ އެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ، އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށެވެ.