ޓޫރިޒަމް ދުވަހާ ގުޅުވައިގެން މިއަހަރުގެ ތެރޭގައި ރާއްޖެއިން ދުނިޔޭގެ ދެ ރެކޯޑެއް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ރާއްޖެއިން މުގުރާލުމަށް އަމާޒު ހިފާފައިވާ ދުނިޔޭގެ އެއް ރެކޯޑަކީ ކެޕިޓަލް ސިޓީއެއް ވަށައި މޫދުގައި ހިއުމަން ރިންގެއް އެޅުމެވެ. އަދި އަނެއް ރެކޯޑަކީ ފްރީ ޑައިވިން ރެކޯޑެކެވެ.
"ޖަޒީރާ ރާއްޖެ، މަގޭ ރާއްޖެ" ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ގައުމެއްގެ ކެޕިޓަލް ސިޓީ ވަށައިގެން މޫދުގައި ރައްޔިތުން ބައިވެރިކޮށްގެން ހިއުމަން ރިންގެއް އެޅުމަކީ ދުނިޔޭގައި އަލަށް ކުރެވިގެންދާނޭ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ވޯލްޑް ރެކޯޑް އެޓެމްޕްޓެއް އެޓެމްޕްޓް ކުރަން މިއުޅަނީ، ދުނިޔޭގެ ވެރިކަން ކުރާ ރަށެއްގެ ވަށައިގެން ހިއުމަން ރިންގެއް މޫދުގައި އެޅުމަށްޓަކައި. އަޅުގަނޑު މިއަދު ރާއްޖޭގެ ރައްޔިތުންނަށް ދައުވަތު އަރުވަން، އަޅުގަނޑުމެން ސެޕްޓެމްބަރު މަހު ފަހުކޮޅު މާލެ ވަށައި، ދެ ގަޑިއިރެއްހާއިރު ތެރޭގައި މޫދުގައި ކުދިބޮޑު ރައްޔިތުން ކެޕިޓަލް ސިޓީއެއް ވަށާ އަޅާ ފުރަތަމަ ރިންގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަޅާނަން. އަޅުގަނޑުމެން ބޭނުންވަނީ ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖެ ފަވާލަން،" މިނިސްޓަރު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ފްރީ ޑައިވްގެ ރެކޯޑު ހެދުމަށް މަސައްކަތްކުރާނީ ފްރީ ޑައިވްގެ ދުނިޔޭގެ ޗެމްޕިއަނުން ބައިވެރިކޮށްގެން ކަމަށާއި އެއީވެސް ރާއްޖޭގައި ކުރެވޭނެ މުޅިން ތަފާތު ކަމަކަށް ވެގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ދެން ހިމެނެނީ ބޮއްކުރާގައި ދަތުރުކުރުމުގެ ހަރަކާތެކެވެ. އެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ވ. އަތޮޅުން ފެށިގެން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.