ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

މިނިސްޓްރީ ތެރެއިން ދެން ވައްކަން ކުރަން ބޭނުންވަންޏާ ޖެހޭނީ ގާނޫނާއި ގަވާއިދު އަނބުރަން: އަލީ ވަހީދު

ޓޫރިޒަމް މިނިސްޓްރީ ތެރެއިން ވައްކަން ކުރަން ބޭނުންނަމަ، ދެން ޖެހޭނީ ގާނޫނާއި ގަވާއިދު އަނބުރައި، ރައްޔިތުންގެ ކުރިމަތީ ފަލީހަތްވާން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ރާއްޖެ، މަގޭ ރާއްޖެ" މިނަމުގައި ބޭއްވި ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނޮވެމްބަރު 17 ވަނަ އަހަރު ހަވާލުވީ ފޫގޮއްސައި އޮތް ތިޖޫރީއަކާ އެ ތިޖޫރީ އިން ވަންނަން ޖެހުނީ ވަޅުގަނޑު ނެތް އޮފީހަކަށް ކަމަށެވެ. ނަމަވެސް މިހާރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އޮތް މިނިސްޓްރީން އެކަން ނައްތާލެވިއްޖެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު އުފަލާއެކު ދަންނަވާލަން ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ލީޑާޝިޕްގެ ދަށުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، އަދި މާ ބާރުގަދަ، މާ ނުފޫޒުގަދަ މިނިސްޓަރީއެއްގެ ގޮތަށް ހުރި ޓޫރިޒަމް މިނިސްޓްރީގެ ބިރު ދެއްކުމާއި ކޮރަޕްޝަނަށް ހުރި ތަޅުތައް އަޅުގަނޑުމެން ތަޅުލައި، އޭގެ ތަޅުދަނޑި ވެސް ގެއްލުވާލައިފީމޭ. ދެނެއް ވައްކަމެއް ނުކުރެވޭނެއޭ. އަޅުގަނޑުމެންގެ ސަރުކާރަށް ފަހު، އެހެން ޓޫރިޒަމް މިނިސްޓަރެއް އަޔަސް، ދެން ޖެހޭނީ ރައްޔިތުންގެ ކުރިމަތީގައި ފަލީހަތްވެގެން ގާނޫނާއި ގަވާއިދު އަނބުރަން، ވައްކަން ކުރަން ބޭނުންވަންޏާ،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުގެ މި ކުރު މުއްދަތުގެ އެންމެ ފުރަތަމަ އެއް އެޗީވްމަންޓުގެ ގޮތުގައި އޮތީ އަބަދުވެސް މީހުން ބިރުވެރިކަމެއްގެ ގޮތުގައި ބޭތިއްބި، ނުވަތަ އަބަދުވެސް ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތަށް އޮތް ސިނާއަތަށް އޮތް ލައްގަނޑު ސަރުކާރުގެ ތެރެއިން ފުހެވުން ކަމަށެވެ.

"މީގެ ކުރީގައި އޮތީ ވަޒީރު މަނިކުފާނުގެ ހިތްފުޅާ އަރާގޮތަކަށް، ހިތްފުޅާ އެރި ވަގުތެއްގައި މީހުންގެ ރިސޯޓުގެ ކޮންޓްރެކްޓް ވެސް ބާތިލުކުރުން. އަޅުގަނޑުމެންނަށް ފެންނަން އެބަހުރި އެންމެ ދެ ހަފުތާ ވެސް ނުދީ ރިސޯޓު ބަންދުކުރަން އެންގި އެންގުންތައް. އަޅުގަނޑުމެންނަށް ފެންނަން އެބަހުރި ވިޔަފާރިވެރިޔާ ކުޑަކަކޫ ޖައްސުވައި، ޓޫރިޒަމް މިނިސްޓްރީއަށް ގެނައި ތަން،" މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިތުރަށް ވިދާޅުވީ ތިން އަހަރުވީ އިރު، ޖަވާބު ނުދެވި ހުރި ސިޓީތައް ވެސް ޓޫރިޒަމް މިނިސްޓްރީގައި އެބަހުރި ކަމަށާއި އެކަންކަން ބަދަލުކޮށް ފައިވް ސްޓާ ފެންވަރަށް ހިދުމަތްދޭ ކައުންޓަރަކަށް މިނިސްޓްރީގެ ކައުންޓަރު ވަރަށް އަވަހަށް ބަދަލުކުރެވޭނެ ކަމަށެވެ.