ކުރިއަށް އޮތް ފަސް އަހަރު އަމަލު ކުރާނެ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭން އިފްތިތާހު ކޮށްފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭން އިފްތިތާހް ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ.
ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ގުޅުންހުރި ގާނޫނާއި ގަވައިދުތަށް ހަރުދަނާ ކުރުމާއި، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަންކަން ދެނެގަތުމާއި، ފަތުރުވެރިކަމުން ލިބޭ ފައިސާ ރާއްޖޭގެ އިގްތިސާދުގައި ހިފެހެއްޓޭނެ ގޮތްތައް ހޯދައި ދިރާސާ ކުރުމާއި، ފަތުރުވެރިކަމުގެ ތެެރެއިން ދިވެހި ސަގާފަތް ދިރުވައި، އާލާ ކުރުމަށް ކުރެވެން ހުރިކަންކަން ދެނެގަތުމާއި، ފަތުރުވެރިކަމުގެ ސިނާއަތތުގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމާއި، ފަތުރުވެރިކަން ދުނިޔޭގެ އެހެން ގައުމުތަކަށް އިޝްތިހާރު ކުރުމަށްޓަކައި ކުރަންޖެހޭނެ ކަންކަން ދެނެގަތުން ހިމެނެއެވެ.
ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭނާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވވިދާޅުވީ، އެ ޕްލޭންގައި ފަތުރުވެރިކަން ކުރިއަރުވަން މުހިންމު ކަންތައްތަކެއް އެކުލެވިގެންވާނެ ކަމަށެވެ.
"އަލަށް އެކުލަވާލެވޭ މާސްޓަރ ޕްލޭންގައި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، މި ދާއިރާއިން ހުނަރުވެރި މުވައްޒަފުން ހޯދުމާއި، ރާއްޖެއަކީ ފަތުރުވެރިންނަށް އަމާން، ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމާއި، ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާވެގެންދާއިރު، ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް އަމާޒު ހިފުން، އެ މާސްޓަރ ޕްލޭންގައި ހިމެނިފައިވާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.
ޓުއަރިޒަމް މާސްޓަރ ޕްލޭންގެ މައިގަނޑު މަގްސަދަކީ މަޝްވަރާއާއި، ދިރާސާތަކުގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގްބަލް ބައްޓަންކުރަން ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމެވެ.