ޚަބަރު

ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް މީހުން ގިނަ ރަށްތަކުން ބިން ދޫކުރަން ސަރުކާރުން ނިންމައިފި

ފަތޯނާ ފާއިޒު

މީހުން ގިނަ ރަށްތަކުގައި "ރަށު ފަތުރުވެރިކަން" ތަރައްގީ ކުރުމަށްޓަކައި، ބީލަމުގެ އުސޫލުން ބިން ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.

"ޖަޒީރާ ރާއްޖެ، މަގޭ ރާއްޖެ" މިނަމުގައި، މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެކަން ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ، 11 ރަށަކުން ބިން ދޫކުރަން ސަރުކާރުން މިއަދު ނިންމާފައިވާ ކަަމަށެވެ.

"އެއީ ހއ ފިއްލަދޫއިން ދައްޕަރު ސަރަހައްދު، ހއ އުލިގަން، އަދި ހއ ކެލާގެ އިތުރުން،، އައްޑޫ ސިޓީގެ ހަ ރަށަކާ، ލ.ގަމާ، ފުވައްމުލަކު ތުނޑީ ސަރަހައްދު،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ލޯކަލް ޓުއަރިޒަމް ކުރިއަރުވަން މި ނިންމެވި ނިންމެވުމަކީ ގައުމީ ތަރައްގީއަށްޓަކައި ކުރެވުނު، ވަރަށް މުހިންމު ކަމަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ބައިނަލްއަގްވާމީ ބާޒާރުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ ފަތުރުވެރިކަން، ވަރަށް މަތީ މަގާމެއް ހާސިލުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ހުރިހާ ޝަރަފަކާއި، ފަހުރެއްގެ ހައްގުވެރިންނަކީ، ފަތުރުވެރިކަމުގެ ސިނާއަތް ކޮޅަށް ޖެހުމުގައި އެކި މަރުހަލާތަކުގައި މަސައްކަތް ކުރި ހުނަރުވެރި ދިވެހިން ކަމަށެވެ.

"ޖަޒީރާވަންތަ ފަތުރުވެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި ދުނިޔެ ބަލައިގެންފައިވަނީ އަޅުގަނޑުމެން ދިވެހިންގެ އަމިއްލަ އުފެއްދުން. މިއީ ހަމަގައިމުވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި 40އަށްވުރެ ގިނަ އަހަރު ހިދުމަތް ކުރި ދިވެހިން އެބަތިބި ކަމަށާއި އެމީހުންގެ މުޅި ދިރިއުޅުން ގުރުބާންކުރީ ފަތުރުވެރިކަން ކުރިއެރުވުމަށް ކަމަށެވެ.