ފަތުރުވެރިކަމުން ދައުލަތަށް ލިބުނު ފައިސާތައް ވަކި ބަޔަކު ދިޔައީ ނާޖާއިޒު ގޮތުގައި ބޭނުން ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
"ޖަޒީރާ ރާއްޖެ، މަގޭ ރާއްޖެ" މިނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު، ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބުނު ފައިސާ ނާޖާއިޒު ގޮތުގައި ވަކި ބަޔަކު ބޭނުން ކުރަމުން ދިޔަ ކަމަށާ، ފފަތުރުވެރިކަމަށް އިންވެސްޓު ކުރި ބަޔަކު ތިބީ ސަރުކާރުން ކުރި ޖޫރިމަނާތަކާހެދި ދަރަނިވެރިވެ ގޮތް ހުސްވެފައި ކަމަށެވެ.
"ރިސޯޓް ހަދަން ދޫކުރި 70 ވަރަކަށް ރަށް ނުނިމި އޮންނަތާ އެތައް އަހަރެއް ވެއްޖެ. އަޅުގަނޑުމެންނަށް މިވަގުތަށް މުހިންމީ ބަޔަކު ކުށްވެެރިކޮށް ޖޫރިމަނާ ކުރުމެެއް ނޫން" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް، ދައުލަތުން ދެވެން އޮތް ލުޔެއް ދީގެންވެސް ފަތުރުވެރިކަން ކުރިއެރުވުން ސަރުކާރަށް މާ މުހިންމު ކަމަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ފަތުރުވެރިކަން ކުރިއެރުވޭނީ އެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް މިހާރު ދިމާވާ ދަތިތައް ހައްލުކޮށްދީ، ލުއި ގޮތްތައް ހޯދައިދީގެން ކަމަށެވެ.
"އަޅުގަނޑުގެ އަމާޒަކީ، ސަރުކާރާއި ފަތުރުވެރި ވިޔަފާރިވެރިން ގުޅިގެން މިކަންކަން ހައްލުކޮށް މި ސިނާއަތު ކުރިއެރުވުން" ރައީސް ސޯލިހު ވިދާޅުވިއެވެ.