މި ސަރުކާރުގައި ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ، އެއްވެސް ރައްޔިތެއްގެ ހައްގެއް ސަރުކާރުން ނިގުޅައިނުގަންނާނެ ކަމުގެ ޔަގީންކަން ލިބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ މުހިންމު މަސައްކަތްތަކެއް އިފްތިތާހް ކުރުމަށް "ޖަޒީރާ ރާއްޖެ، މަގޭ ރާއްޖެ" މިނަމުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންގެ ހައްގެއް ނިގުޅައިނުގަންނާނެ ކަމަށާއި މިއަދު ދިވެހިން އިހްސާސް ކުރަމުން އަންނަ އަމާންކަމާއި ހަމަޖެހުމުގެ ސިއްރަކީ އެއީ ކަމަށެވެ.
"ދައުލަތުގެ މާލީ ހިސާބުތައް އަޅުގަނޑުމެން މިއަންނަނީ މަހަކު އެއް ފަހަރު އާއްމު ކުރަމުން. ދައުލަތަށް ލިބޭ އާމްދަނީއާއި ކުރެވޭ ހަރަދުތައް ރައްޔިތުންނަށް މިހާރު ދާނީ އޮޅުން ފިލަމުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއުތަކާ ބެހޭ މައުލޫމާތުވެސް ރައްޔިތުންނަށް އެނގޭނެ ކަމަށާއި ހެޔޮ ވެރިކަމެއްގެ އިހުސާސް ރައްޔިތުންނަށް މިހާރު ކުރެވެމުންދާނެ ކަމަށެވެ.
މީގެ އިތުރުން، ސަރުކާރަށް މިވީ ކުރު މުއްދަތުގެ ތެރޭގައި، ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން، ރައްޔިތުންނަށްވެސް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.