މި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ ނާރެހަކީ ރައްޔިތު މީހާގެ ޖީބު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ފަސްއަހަރަށް އެކުލަވާލާފައިވާ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭން އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ކުރިއަށްދާ ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ފަތުރުވެރި ދިވެހި މުވައްޒަފުންގެ ޝަކުވާތައް އަޑުއަހައިގެން ކަމަށެވެ.
އެގޮތުން، ރިސޯޓުތަކުން، ބިދޭސީ މުވައްޒަފުންނާ އެއް ހަމައެއްގެ މުސާރައެއް، އަދި އިސް މަގާމުތައް ލިބުމުގައި ދަތިވުމަކީވެސް، ފަތުރުވެރި ދިވެހި މުވައްޒަފުންގެ ޝަކުވާތައް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ފަތުރުވެރި މުވައްޒަފުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް މިރޭ އިފްތިތާހު ކުރެވިގެންދާނެ ކަމަށާއި، ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި އެމަސައްކަތް ނިމުމުން، ފަތުރުވެރިންގެ ހާލަތު ދެނެގަންނަން ފަސޭހަ ވެގެންދާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.