ވާދަވެރި ސިފައިންގެ ކްލަބު ބަލިކޮށް ޕޮލިސް ކުލަބުން 50 ވަނަ ޤައުމީ ވޮލީ ބޯޅަ މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
ޒުވާނުންގެ އެތެރޭ ކޯޓުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗު ޕޮލިހުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
ނިމިގެންދިޔަ ހަފްތާގައި ވޮލީބޯލް އެސޯސިއޭޝަން ކަޕް ފައިނަލުގައި ސިފައިން އަތުން ޕޮލިސް ވަނީ 2-3 ސެޓުން ބަލިވެފައެވެ. ނަމަވެސް، ރޭގެ ފައިނަލުގައި ޕޮލިސް ކްލަބު ފެނިގެންދިޔައީ ވަރަށް ތަފާތުކޮށެވެ.
ފައިނަލަށް ސިފައިންގެ ކްލަބް ނިކުތްއިރު އެޓީމުގެ އެންމެ މުޙިއްމު ކުޅުންތެރިޔާ އަދި ނިމިގެންދިޔަ އެސޯސިއޭޝަން ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ހުރީ ކަކުލަށް ލިބިފައިވާ އަނިޔާ އެއްކޮށް ރަނގަޅު ނުވެއެވެ. އަދި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ވަސީމް ހުރީ ބަލިވެއެވެ. އެޓީމުގެ ބައެއް އިތުރު ކުޅުންތެރިން އަނިޔާގައި ތިބި ނަމަވެސް، މި ހުރިހާ ކުޅުންތެރިން ރޭގެ މެޗުގައި ކުޅުނެވެ. އެހެންނަމަވެސް، މި ކުޅުންތެރިންގެ ފަރާތުން އެންމެ އެދެވޭ ކުޅުން ފެނިގެނެއް ނުދިޔައެވެ.
ރޭގެ މެޗުގެ ފުތަމަ ސެޓު ފަސޭހަކަމާއެކު 25-16 އިން ޕޮލިސް ކްލަބުން ގެންދިޔައިރު، ދެވަނަ ސެޓު އެޓީމު ގެންދިޔައީ ތަންކޮޅެއް ވާދަވެރިކޮށް 25-23 އިންނެވެ. ދެ ސެޓުގެ ލީޑަކާއެކު ތިންވަނަ ސެޓަކަށް ނިކުތް ޕޮލިސް ކުލަބުން ދެއްކި މޮޅު ކުޅުމާއެކު މިސެޓު އެޓީމުން ގެންދިޔައީ 25-14 އިންނެވެ.
މިއީ ހަތަރު އަހަރަށް ފަހު ޕޮލިހަށް ގައުމީ މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ޕޮލިހުގެ ކޯޗު ހާލިދު މުހައްމަދު ބުނެފައިވަނީ، މިހާ ފަސޭހައިން މެޗު ކާމިޔާބުކުރެވޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށާއި، ނަމަވެސް، މެޗުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
ސިފައިންގެ ކްލަބުގެ ކޯޗު މުމްތާޒް އަލީ (މުންތޭ) ބުނެފައިވަނީ، މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ މައްސަލަކަމަށާއި، ހެދުނު ގޯސްތަކެއްގެ ސަބަބުން މެޗު ގެއްލުނީ ކަމަށާއި، ޖުމްލަކޮށް ޓީމުގެ ފަރާތުން ފެނުނީ ވަރަށް ދަށް ރިސީވިންއެއް ކަމަށެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ޕޮލިސް ކްލަބުގެ އަލީ ހުޒާމް (ހުޒާންޓެ) އެވެ. ޑްރީމް ޓީމުގައި ހިމެނުނީ ހުޒާންޓޭގެ އިތުރުން، ހަސަން ނިލާމް (ޕާޓޭ) އާއި ހުސެއިން ވިޝާމް (ބުޅިކެ) އާއި އާދަމް ފައިރޫޒް އާއި މުހައްމަދު ނައީމް އާއި ސިފައިންގެ ކްލަބުގެ ހުސެއިން ސައީދު (ސޭންޑީ) އަދި އާދަމް ނަސީމް އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ އާއީ ސްޕޯޓްސް ކްލަބްގެ އަރިޒް މުހައްމަދު އެވެ.