ޚަބަރު

މަރަދޫއިން ގޯތި ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ފަތޯނާ ފާއިޒު

އައްޑޫ ސިޓީ މަރަދޫއިން 30 ގޯތި ދޫކުރަން ނިންމައި، ގޯއްޗަށް އެދުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މަރަދޫއިން ދިރިއުޅުމަށް 1500 އަކަ ފޫޓުގެ 30 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ގޯއްޗަށް އެދެން ބޭނުންވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު އަންނަ މަހުގެ 29 ވަނަ ދުވަހު ކައުންސިލް އިދާރާއަށް ނުވަތަ މަރަދޫ އޮފީހަށް ފޯމު ހުށަހަޅަން ޖެހޭ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

ގޯއްޗަށް އެދޭ ފޯމު ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މަރަދޫ އަދި އަވަށު އޮފީސްތަކުންވެސް ފޯމު ލިބެން ހުންނާނެއެވެ.