ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހަސަން ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ ހަސަން ދީދީގެ ތަހުގީގު ނިމެންދެން ވަޒީފާއަށް ނުނުކުމެ މަޑުކުރުމަށް އޭނާއަށް އެންގުމަށެވެ.
ޖޭއެސްސީން ބުނީ ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ހަސަން ދީދީގެ މައްޗަށް އެ ކޮމިޝަނުން ބަލަމުންދާ ޝަކުވާގެ ތަހުގީގު ވަކިގޮތަކަށް ނިމެންދެން ވަޒީފާއަށް ނުނުކުމެ މަޑުކުރުމަށް، އޭނާއަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން މިމަހުގެ 18 ވަނަ ދުވަހު މެޖިސްޓްރޭޓް ހަސަން ދީދީގެ ބަޔާން ނަގާފައިވާ އިރު، އޭނާގެ އިތުރުން ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރާއި އެ އަތޮޅު ދާންދޫ ކޯޓުގެ މެޖިސްޓްރޭޓުގެ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
އެ މައްސަލަތަކުގެ ތަހުގީގު ޓީމުގައި ހިމެނެނީ ކޮމިޝަނުގެ ނާއިބު ރައީސް، މަސްތޫރު ހުސްނީ އާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އާއި ހިސާން ހުސައިން އާއި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމް އަދި ކޮމިޝަނުގެ މެންބަރު މުހައްމަދު އީސާފުޅެވެ.