ގދ. ކޮނޮއްޓޯ ކައިރީ އޮންނަ ތިލަޔަކަށް މިއަދު ހަވީރު އެންދަމަން ފޭބި މީހަކު ނިޔާވެއްޖެއެވެ.
ވަންއޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ނިޔާވެފައިވަނީ ހިތަދޫ، ވައިލެޓު ވާދީ ހުސެން ޒިޔާދެވެ. އޭނާގެ އުމުރަކީ 45 އެވެ.
ފުލުހުން ބުނީ މަސް ދޯންޏެއްގެ ކެޕްޓަނަކަށް އުޅުނު ޒިޔާދު ފުޅި އަޅައިގެން އެންދަމަން ހަވީރު 4:30 ހާއިރު ކަމަށެވެ. އަދި މޫދަށް ފޭބި ގޮތަށް ޚަބަރެއް ނުވެގެން ދޯނީގައި ތިބި ދެ މީހުން އޭނާ ހޯދުމަށް މޫދަށް ފައިބައި ބެލިއިރު ޒިޔާދު މޫދު އަޑީގައި ހޭނެތިފައި އޮއްވާ ފެނިގެން، އޭނާ ނަގައިގެން އިރުއޮއްސި 6:00 ހާއިރު ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އަދި އެތަނަށް ގެންދިޔައިރު ވެސް ޒިޔާދު ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ޒިޔާދުގެ ހަށިގަނޑު އައްޑޫ ސިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ފުލުހުން އަންނަނީ އެކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.