ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދޭންޖެހޭ: ފައިސަލް

މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރުކޮށްދީ، ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަފުށީގައި ގާއިމްކޮށްފައިވާ ކްލިނިކާއި ބޭސްފިހާރައިގެ ހިދުމަތް އިފްތިތާހުކުރުމަށް ތިލަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ގުޅީފަޅާއި ތިލަފުށީގައި މަސައްކަތްކުރާ ފަރާތްތަކަށް ސިއްހީ ފަރުވާދެވޭނެގޮތަށް ތިލަފުށީގައި ކްލިނިކަކާއި ބޭސްފިހާރައެއްގެ ހިދުމަތް ފެށިގެން ދިއުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.

އަދި މަސައްކަތްތެރީންނާ މެދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށާއި އަދި މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ޔަގީންކުރެވިފައިވުމަކީ މަސައްކަތްކުރުވާ ހުރިހާ ފަރާތްތަކުންވެސް އިތުރު ސަމާލުކަމެއްދޭންވީ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މަސައްކަތްކުރުވާ މީހާ ފަދައިން މަސަތްކަތްކުރާ މީހާގެވެސް ހައްގުތަކެއް ވާނެކަން ހަނދާންކޮށް އެކަންތައްތަކަށް ސަމާލުކަންދޭން ޖެހޭނެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ރާއްޖޭގެ ސިއްހީ ދާއިރާކަން ފާހަގަކުރައްވައި ސިއްހީ ދާއިރާގެ ކަންކަން އިތުރަށް ތަރައްގީކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.

އަދި މީހުން ދިރިއުޅޭ ރަށުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުން އަމާޒު ހިފާފައިވާ މުހިންމު ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.

އެގޮތުން ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ސަރުކާރުން ދޭންޖެހޭ އެއްބާރުލުމާ އެހީތެރިކަން އަބަދުވެސް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.