ރައީސް އޮފީސް

އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް އަލުން ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

އެންއައިސީގެ މެންބަރު ކަމަށް އަލުން ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލީ ރައީސުލްޖުމްހޫރިއްޔާ އެގޮތަށް އެދިވަޑައިގަތުމުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު 6 ވަނަ ދުވަހު 14:00 އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވައިލީ މިދިޔަ ފެބްރުއަރީ މަހުއެވެ.

އެ ފަހަރު، އެ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއުއާ އެކު 26 މީހަކު ކުރިމަތިލި ނަމަވެސް މާނިއު ފަހުން ވަނީ ނަން އަނބުރާ ގެންދަވައިފައެވެ.

އެންއައިސީގެ މެމްބަރު ކަމަށް އަލުން ހުޅުވާލިއިރު، ނަންތައް ދިރާސާކޮށް އެ ރިޕޯޓު މަޖިލީހަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް މަޖިލިހުގެ ތަޅުމުން އަލުން ވަނީ ރިޕޯޓު ކޮމިޓީއަށް ފޮނުވައިފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ރައީސް އޮފީހުން އެ ފުރުސަތު ހުޅުވާއިލީ އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމުންނެވެ.

ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގައި ތިއްބަވާނީ ފަސް މެމްބަރުންނެވެ.

ނޭޝަނަލް އިންޓަގްރީ ކޮމިޝަނުގެ ގާނޫނަކީ ފުލުހުންގެ މުއައްސަސާ، އިމިގްރޭޝަން، ކަރެކްޝަނަލް ސާވިސް އަދި ކަސްޓަމްސްގެ މައްޗަށް ހިނގާ ގާނޫނެކެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ.

އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެއެވެ.