ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގެ އިސްތިއުނާފު މައްސަލަ ކުރިއަށް ގެންދެވިދާނެތޯ ނިންމާނީ ދެން އޮންނަ އަޑުއެހުމެއްގައި ކަމަށް، މިއަދު ހައިކޯޓުގައި ބޭއްވި ފުރަތަމަ އިސްތިއުނާފީ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ބުނެފިއެވެ.
އަހުސަންގެ މަރުގެ މައްސަލައިގައި ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ 2014 ވަނަ އަހަރުގައެވެ. އަދި ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގައެވެ.
މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލު އިޖުރާއީ ނުކުތާއެއް ނެންގެވިއެވެ. އެއީ ދައުލަތުން މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި ވަނީ، އިސްތިއުނާފު ކުރުމުގެ މުއްދަތު ފަހަނައަޅާދިޔަ ފަހުން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ނުބޭލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ދިފާއީ ވަކީލު އެދިވަޑައިގަތެވެ.
އެ ނުކުތާއަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ، މަރިޔަމް ޝަހުމާ ވިދާޅުވީ، ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުން ލަސްވެގެން ދިޔައީ، ކުރިމިނަލް ކޯޓުން ކުރި ހުކުމުގެ ހުލާސާ ރިޕޯޓާއި ޝަރީއަތް ހިނގި ގޮތުގެ ރިޕޯޓު ނުލިބިގެން ކަމަށެވެ. އަދި ރިޕޯޓުތައް ލިބުނުތާ 10 ދުވަސް ތެރޭގައި، ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލާ ޝަހުމާ ވިދާޅުވީ، މި މައްސަލައަކީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ އެންމެ ބޮޑު ކުށަށްވީއިރު، މި މައްސަލަ އިސްތުނާފު ކުރެވެން ޖެހޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުގައި ރިޔާސަތުގައި އިންނެވި މުހައްމަދު ނިޔާޒު ވިދާޅުވީ، ދެން އަންނަ އަޑުއެހުމެއްގައި އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދިޔުމާ މެދު ގޮތެއް ކަނޑައަޅުއްވާނެ ކަމަށެވެ. އަދި މި މައްސަލައަކީ، ޖިނާއީ ބޮޑު މައްސަލައަކަށް ވެފައި، މަރުވި މީހާގެ ހައްގުތަކަށް ވެސް ރިއާޔަތް ކުރައްވާނެ ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.
އަހުސަން މަރާލާފައި ވަނީ 2011 ވަނަ އަހަރުގެ މާޗުމަހުގެ 16 ވަނަ ދުވަހު ވަނަ ދުވަހުގެ ރޭ މެންދަމު 3:20 އެހައިކަންހާއިރު، އަލިކިލެގެފާނުމަގާއި މަޖީދީމަގާ ގުޅުނު ކަންމައްޗާވީ ހިސާބުގައި އޭނާ އުޅެނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އެ މައްސަލައިގެ ދައުވާ ލިބޭ ޝަހުމްއާއި ޝިމާޒު ވެސް ވަނީ ދިފާއީ ވަކީލުން ހަމަޖައްސަވާފައެވެ. އަދި ދައުވާ ލިބޭ ޝަހުމް މިހާރު ވެސް ގެންދަނީ އެހެން މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.