އިބްރާހިމް ޒަކީ
ރ. މީދޫ އާއި މަޑުއްވަރީގެ ކުނީގެ މައްސަަލަ ބޮޑުވެގެން، އެކަމަށް ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއަކުން ހުށަހެޅުއްވި މި ހުށަހެޅުއްވުމުގައި ވިދާޅުވެފައިވަނީ، ރ. މީދޫ އާއި މަޑުއްވަރީގެ ކުނި، ރަށުން ބޭރަށް ނުގެންދާތާ ގިނަ ދުވަސްތަކެއް ވުމާއެކު އެ ދެރަށުގެ ކުނި އުކާލާ ސަރަހައްދު ފުރި، ކުނި މެނޭޖް ކުރުމުގައި ރަށު ކައުންސިލަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން މީދޫގައި މެއްސާއި މަދިރީގެ އުނދަގޫ އިންތިހާއަށް ބޮޑުވެ، ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޝަރީފް ވިދާޅުވެފައިވަނީ، ކުނިގޮނޑު ކައިރީގައި މީހުން ދިރިއުޅެމުންދާތީ، އެމީހުންނަށާއި، ހާއްސަކޮށް ކުޑަކުދިންނަށް ނުރައްކާތެރި އެތައް ހާދިސާއެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މީގެ އިތުރުން ކުނިގޮނޑު ކައިރީގައި ދިރިއުޅޭ ބައެއް ފަރާތްތަކުން، ގެ ދޫކޮށް އެހެން ގެ ތަކުގައި ދިރިއުޅެން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، މީދޫ ކައުންސިލުން އެ މައްސަލަ، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް އެއްވެސް ހައްލެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެހެންކަމުން އެކަން ހައްލު ކުރުމަށް، ކުނި މެނޭޖްކުރެވޭފަދަ ގޮތެއް ހޯދުމަށް، ވޭސްޓް މެނޭޖް މަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މަޝްވަރާ ކުރެވޭނެގޮތެއް ހަމަޖައްސައިދެއްވުން އެދޭ ކަމަށް ޝަރީފު ވިދާޅުވެފައިވެއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާލުރާ މިންވަރުބަލާ ކޮމިޓީގެ ސަމާލުކަމަށް، މި މައްސަލަ ގެނަސް ދެއްވައި، މި ދެރަށުގެ ރައްޔިތުންނަށް ކުނި މެނޭޖް ކުރެވޭފަދަ ގޮތެއް، ހޯދުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މަޝްވަރާ ކުރެވޭނެގޮތެއް ހަމަޖައްސައިދެއްވުން އެދެން،" ޝަރީފްގެ ސީޓީގައި ވިދާޅުވެފައިވެއެވެ.