30 ނޮވެންބަރު 2019 އިން ފެށިގެން އިންޒާރުގެ ފޮޓޯ ނުޖަހައި ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވްސް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ، ފޮޓޯ ނުޖަހާ ހުންނަ އިންޒާރާއެކު 31 ޖުލައި 2019 ގެ ކުރިން އެތެރެކޮށް ނުވަތަ އުފައްދާފައިވާ ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެފަހު ތާރީހަކީ 29 ނޮވެންބަރު 2019 ކަމަށެވެ.
ދުންފަތާ ބެހޭ އާ ގަވައިދުގެ ދަށުން 1 ޖުލައި 2019 އިން ފެށިގެން ރާއްޖޭގައި އުފައްދާ ނުވަތަ ރާއްޖެއަށް އެތެރެކުރާ ދުންފަތް ހިމެނޭ ކޮންމެ އުފެއްދުމެއްގައި، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް، ފޮޓޯޖެހި ސިއްހަތުގެ އިންޒާރު ޖަހަންވާނެއެވެ.
އެޗްޕީއޭއިން މިދިޔަ މެއި މަހުގެ 31 އިން ފެށިގެން ވަކި ސިނގިރެޓް ވިއްކުން ވެސް ވަނީ މަނާކޮށްފައެވެ.
ރާއްޖޭގައި ބަންދުކުރާ އަދި ރާއްޖެއަށް އެތެރެކޮށް ރާއްޖޭގައި ވިއްކާ ދުންފަތާއި ދުންފަތުގެ ބާވަތްތައް ބަންދުންކޮށްފައި ހުންނަންވާނީވެސް އަދި ވިއްކަންވާނީވެސް ގަވައިދުގައިވާ މިންވަރަށް ކަމަށް ބުނެފައިވެއެވެ. އެގޮތުން މަދުވެގެން ވިހި ސިގިރެޓް ހިމެނޭ ފޮއްޓެއް، ފަންސާސް ބިޑި ހިމެނޭ ފޮއްޓެއް ނުވަތަ ބޮނޑިއެއް، ދުންފަތުގެ އެހެނިހެން ބާވަތްތައް 30 ގްރާމް ހިމެނޭގޮތަށެވެ.
މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ މި ގަވައިދާ ހިލާފުވެއްޖެ މީހަކު އެކުށް ކުރުމަށް ބޭނުންކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ ދިހަ ގުނައިން ޖޫރިމަނާ ކުރެވޭނެއެވެ.
އެގޮތުން ދެވަނަ ފަހަރަށް ފަސް ހާސް ރުފިޔާ، ތިންވަނަ ފަހަރަށް ދިހަ ހާސް ރުފިޔާ، އަދި ހަތަރުވަނަ ފަހަރު ވިހި ހާސް ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ފަސްވަނަ ފަހަރަށް ޖޫރިމަނާކުރެވޭނީ ގާނޫނުގައި ޖޫރިމަނާކުރުމަށް ކަނޑައަޅައިފައިވާ އެންމެ މަތީ އަދަދުންނެވެ.