ބައިނަލްއަގުވާމީ ރަހުމަތްތެރިންގެ ދުވަހުގެ މުނާސަބާގައި އެއްބައިވަންތަކަމުގެ އަތުގުޅާލުމުގެ ހަރަކާތެއް ބޭއްވުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހަމަޖައްސައިފިއެވެ.
ހޯމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ހަރަކާތަކީ ބައިނަލްއަގުވާމީ ރަހުމަތްތެރިންގެ ދުވަހުގެ މުނާސަބާގައި މުޅިރާއްޖޭގައި ބާއްވާ އެއްބައިވަންތަކަމުގެ އަތުގުޅާލުމުގެ ހަރަކާތެކެވެ. އެގޮތުން މި ހަރަކާތަކީ ރާއްޖޭގައި ދިރިއުޅޭ އެކި ގައުމުތަކުގެ މީހުން އެއްތަނަކުން ދިމާވެ އެކަކު އަނެކެއްގެ މެދުގައި އެކުވެރިކަމާއި ރަހުމަތްތެރިކަން އުފެއްދުންކަމަށް މިނިސްޓްރީން މައުލޫމަތު ދެއެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:45 އިން ފެށިގެނެވެ. ހޯމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މާލޭގައި މި ހަރަކާތް ކުރިއަށްގެންދާނީ ބޮޑުތަކުރުފާނު މަގުގައެވެ. އަދި އަތޮޅުތަކުގެ އެކި ރަށްރަށުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އެރަށެއްގެ ކައުންސިލުން ކަނޑައަޅާ ސަރަހައްދެއްގައި ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ވަޒީރުން އަދި ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރާއްޖޭގައި ތިންބަވާ ބޭރުގެ ސަފީރުންނާއި އެތަންތާގައި މަސައްކަތް ކުރައްވާ ބޭފުޅުން، ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން، ސަރުކާރު އެކި މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ ބޭފުޅުން، ސްކޫލްތަކުގެ ދަރިވަރުން، ޖަމިއްޔާ ޖަމާއަތްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން، ސިޔާސީ ޕާޓީތަކުގެ މެމްބަރުން އަދި ރާއްޖޭގައި އެކި މަސައްކަތްތަކުރާ އެކި ގައުމުތަކުގެ ބިދޭސީން މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ހަރަކާތުގައި ދިވެހީން ގައުމީ ކުލަތަކުން، އެމީހެއްގެ އޮފީސް ޔުނިފޯމު އަދި އެހެން ގައުމުތަކުގެ މީހުން އެގައުމެއްގެ ކުލަތަކުން ހެދުން އެޅުމަށް މިނިސްޓްރީން ބާރު އަޅައެވެ. ހޯމް މިނިސްޓްރީން ބުނީ މި ހަރަކާތުގައި ދިވެހި ދިދަ ގެންގުޅުމަށް ހަމަޖެއްސިދާނެ ކަމަށެވެ.
މި ހަރަކާތުގައި މުޅިމާލެ ވަށައިގެން މީހުން އަތު ގުޅާލުމަށް ގާތްގަނޑަކަށް 5500 މީހުން ބޭނުންވާނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.