ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަންނަމަހު ސީޝެލްސްއަށް ވަޑައިގަތުމަށް ހަމަޖައްސައިފި އެވެ.
ސީޝެލްސްގެ ރައީސް ޑެނީ ފޯރޭ ގެ ދައުވަތަކަށް ރައީސް ސޯލިހު ސީޝެލްސްއަށް ފުރައިވަޑައިގަންނަވާނީ އަންނަމަހު ދެވަނަ ދުވަހުއެވެ. ދެ ދުވަހުގެ މި ދަތުރުފުޅު ނިންމަވާލުމަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހަތަރެއް އޮގަސްޓުގައެވެ. ރައީސް ސޯލިހު ސީޝަލްސްއަށް ވަޑައިގަތުމަށް ދައުވަތު އަރުވާފައިވަނީ ސީޝެލްސްގެ ރައީސްގެ ސްޕެޝަލް އެންވޮއި މުހައްމަދު އަފީފް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އަފީފް އަކީ ސީޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒްގެ މަގަމުގައި ހުންނެވި ބޭފުޅެކެވެ.
މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި މިދަތުރުފުޅަކީ ދެގައުމު ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ވުމުގެ ފުރުސަތު ތަނަވަސްކޮށްދޭ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިމަހު 17ގައި ރައީސް ސޯލިހުގެ ދެކަނބަލުން ވަނީ ރަސްމީ ދަތުރުފުޅެއްގައި މޮރިޝަސްއަށް ވަޑައިގަންނަވާފައެވެ.