ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލް-ސައުދުގެ ބޭބޭފުޅު ޕްރިންސް ބަންދަރު ބިން އަބްދުލް އަޒީޒް އާލް-ސައުދު އަވަހާރަވުމާއި ގުޅިގެން ސައުދީ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ކިންގް ސަލްމާން އަށް ރައީސް ސޯލިހު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ޕްރިންސް ބަންދަރު އަވަހާރަ ވުމާއި ގުޅިގެން ސައޫދީ ޝާހީ އާއިލާއަށް ކުރިމަތިވި ހިތާމާއިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާގެ އަމިއްލަ ނަންފުޅުގައި ސައުދީ ޝާހީ އާއިލާއަށާއި ގައުމުގެ ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި ޕްރިންސް ބަންދަރު އަކީ ސައުދީ އަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ރައީސްގެ މެސެޖުގައި ފާހަގަ ކުރައްވާފައި ވެއެވެ.
މި މެސެޖުގައި ޕްރިންސް ބަންދަރު އަވަހާރަ ވުމާއި ގުޅިގެން ޝާހީ އާއިލާއަށް ކުރިމަވި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް ކެއްތެރިކަން ދެއްވުމަށް އެދި ދުއާ ކުރައްވާކަމަށް ރައީސް ވިދާޅުވެފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.