ޚަބަރު

އެންސީޓީސީގެ ފަރާތުން ހައްދުފަހަނަ އެޅުމާއި ޓެރަރިޒަމް ހުއްޓުވުމަށް ތަމްރީނު ޕްރޮގްރާމެއް ފަށައިފި

މަރިޔަމް ޝަހުދާ

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރ، އެންސީޓީސީގެ ފަރާތުން ހައްދުފަހަނަ އެޅުމާއި ޓެރަރިޒަމް ހުއްޓުވުމަށް ވޯކްޝޮޕެއް ފަށައިފި އެވެ.

ޖުމްލަ 62 ބައިވެރިންނާއެކު މިއަދު މި ވޯކްޝޮޕް ފަށާފައި ވަނީ އިސްލާމީ މަރުކަޒު ޖަލްސާ ކުރާ މާލަމްގައެވެ. މި ވޯކްޝޮޕަކީ ނާއިފް އަރަބް ޔުނިވާރސިޓީ ފޯ ސެކިއުރިޓީ ސާވިސްއާ ގުޅިގެން އެންސީޓީސީ އިން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި މި ވޯކްޝޮޕަކީ އެންސީޓީސީގެ ފަރާތުން ގައުމީ ފެންވަރުގައި ރާއްޖޭގައި ފިކުރީގޮތުން ހައްދުފަހަނައަޅާ ދިއުމާއި ޓެރަރިޒަމް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިންގާ ވޯކްޝޮޕެކެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ވޯކްޝޮޕް މިއަދު ރަސްމީކޮށް ފައްޓަވާދެއްވާފައިވަނީ އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނަރަލް ޒަކަރިއްޔާ މަންސޫރެވެ. މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަންސޫރު ވިދާޅުވީ ހައްދުފަހަނަ އެޅުމާއި ޓެރަރިޒަމް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި މިފަދަ ވޯކްޝޮޕެއްގެ މުހިއްމުކަން މަންސޫރު ވަނީ ފާހަގަ ކުރައްވާފައެވެ.

މި ވޯކްޝޮޕްގައި ސަރުކާރުގެ 18 އިދާރާއަކުން އަދި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ނުވަ ޖަމާއަތެއް ވަނީ ބައިވެރިވެފައެވެ.